ލާމަރުކަޒީ ނިޒާމް ކުޑަކޮށް ކޮށަމުން ދަނީ ކައުންސިލްތަކަށް ދީފައިވާ ފައިސާގައި އަތްލެވޭނެ ގޮތެއް ހޯދަންކަން ވަރަށް ސާފުވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ އެފަދައިން ވިދާޅުވި ބުދަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ސިޔާސީ މުވައްޒަފުން ގިނަވެ ހަރަދު އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ކައުންސިލަރުންނާއި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވަނީ މިފަދަ ގަރާރެއް ހުށަހެޅީ ރައްޔިތުންނަށް ހެވެއް އެދިގެން ނޫން ކަމަށް ސިފަކުރައްވާފައެވެ.
އެގޮތުން ކުޑަ ރަށްތަކުގައި ކައުންސިލް ކުޑަ ކުރާ ވާހަކަ ސަރުކާރުން ދައްކާ އިރު އެކަމުގެ ސަބަބުން ރަށްތަކަށް ވާނެ ގެއްލުން ސަރުކާރުން އަންދާޒާ ވެސް ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުދި ރަށްތަކަށް ފަތުރުވެރިކަން އައުމަކީ އެ ރަށްރަށަށް މަންފާ ލިބޭނެ ކަމަކަށް ވެގެންދާނެ ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަން ރަށަށް އަންނަ އިރު އެކަމާއި ގުޅުން ހުރި މުނިސިޕަލް ޚިދުމަތްތަކާއި ޒިންމާ ވަނީ ކައުންސިލުން ކަމަށް ދީދީ ފާހަގަކުރެއްވިއެވެ. ބައެއް ރަށްެރަށުގައި އާބާދީ އަށް ވުރެ ދެ ތިން ގުނަ ގިނައިން ފަތުރުވެރިން އެ ރަށްތަކުގައި އުޅެފައިވާ ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސަރުކާރުން ކުދި ރަށްތަކާއި އާބާދީ ކުދި ރަށްތަކަށް ދޭ ފައިސާ މަދުކުރުމާއި، ކައުންސިލްތައް ކުޑަ ކުރުމުގެ ވިސްނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މި ކަމުގައި އަމަލުކުރަމުން ދަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފައެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މިފަހުން ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ މެންބަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށާއި އެގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހިނގަމުން މިދާ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކައުންސިލްތަކަށް ދޭ ބްލޮކު ގްރާންޓު އޮތީ މަދުވެސްކޮށްފަ އެވެ.
އަދި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މެއި 15، ގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.