ކ. މާލެ
|
18 ޖޫން 2025 | ބުދަ 10:07
ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް
ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް
ރޮއިޓަރސް
ބާސެލޯނާ
ބާސެލޯނާ އިން ނިކޯ ހޯދުމަށް މަސައްކަތް ކުރަނީ
އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި އެއްބަސްވުން އުވާލާ ނަމަ، ބާސެލޯނާ އިން ބިލްބާއޯ އަށް އަގެއް ދައްކަން ޖެހޭނެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ އަގާ މެދު އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން އަންނަނީ އުމުރުން 22 އަހަރުގެ ނިކޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބާސެލޯނާ އިން އަންނަނީ ނިކޯގެ އެޖެންޓާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ނިކޯ ހޯދުމުގެ ގޮތުން ބިލްބާއޯ އަށް ދައްކަން ޖެހޭ އަދަދާ މެދު އިތުރު މަޝްވަރާތަކެއް ކުރަން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނިކޯ ހުރީ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވެފަ އެވެ. އަދި މި ފަހުން ނިކޯ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ފެށީ އެކަމުގެ ފެހި ސިގުނަލް އެ ކުލަބަށް ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ޚާއްސަކޮށް ނިކޯ ގެނައުމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބޭނުންވެފައި ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބިލްބާއޯ އާއެކު ނިކޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި އެއްބަސްވުން އުވާލާ ނަމަ، ބާސެލޯނާ އިން ބިލްބާއޯ އަށް އަގެއް ދައްކަން ޖެހޭނެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ އަގާ މެދު އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެގޮތުން ކުޑަ އަގެއްގައި ނިކޯ ދޫކޮށްލަން ބިލްބާއޯ އިން ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ނިކޯ ދޫކޮށްލަން ބިލްބާއޯ އިން ހުށަހަޅަނީ 60 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބާސެލޯނާ އިން ބޭނުން ވަނީ އެ އަދަދު ބަހާލައިގެން ދައްކަން ކަމަށާއި، ބިލްބާއޯ އިން އެކަމާ އިންކާރު ކުރާ ކަމަށް ބުނެފައިވެ އެވެ.

ބާސެލޯނާ އިން ވަނީ މީގެ ކުރިން ވެސް ނިކޯ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. މިފަހަރު ވެސް ބާސެލޯނާގެ އިތުރުން ބައެއް އެހެން ކުލަބު ތަކަކުން ވެސް ނިކޯ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ނިކޯ ބޭނުން ވަނީ ބާސެލޯނާ އަށް ބަދަލުވާން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ނިކޯ ވަނީ ބިލްބާއޯ އަށް ކުޅެދިން 167 މެޗުގައި 31 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. ނިކޯ އަކީ ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ، އެ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.

- ކޮމެންޓް