މަރުކަޒީ ސަރުކާރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް، ސަރުކާރަށް ބޭނުންކުރަން ފުރުސަތު ނުލިބިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ މިހާރު ލާމަރުކަޒީ ޤާނޫނު ހިންގަމުންދާ ގޮތަށް ފާޑު ވިދާޅުވެފައެވެ. ލާމަރުކަޒީ ޤާނޫނު މިހާރު އޮތްގޮތުން 975 މިލިއަން ރުފިޔާ މިހާރު ހޭދަވަމުންދާ ކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނާޒިމް ވަނީ ކައުންސިލަރުންގެ އަދަދު މަދުކޮށް މުސާރަ ބޮޑުކުރުމަށް ގޮވާލައްވާފައެވެ. ނާޒިމް އިތުރަށް ވިދާޅުވީ ގިނަ ކައުންސިލް މެންބަރުން ތިބުން ނޫން ކަމަށް ވިދާޅުވެފައެވެ. ރަށްރަށަށް ޚިދުމަތްކުރުމަށް މީހުން އުފައްދާ ޝައުގުވެރިކުރުވޭނީ ބޮޑު މުސާރަ އެއް ދެވިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ބްރޮކްގްރާންޓަކީ އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ، އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދާ ކަމަށެވެ. ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވައިރު މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައެޅިއެވެ. ނަމަވެސް 1.7 ބިލިއަނާއި 2.5 ބިލިއަނާ ދެމެދުގެ އަދަދެއް ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހަރަދުނުކޮށް ވާތީ އެކަމަށް ނާޒިމް ފާޑު ވިދާޅުވި އިރު ބައެއް ކައުންސިލްތަކުން މަޝްރޫޢޫތައް ހިންގަނީ އެ އަދަދު އެއްކޮށް ގިނަކޮށްލައިގެންކަން ފާހަގަކުރެވެއެވެ.