ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 09:09
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކްލަބް ވޯލްޑް ކަޕް 2025
ފުރަތަމަ މެޗުގައި ޗެލްސީ އިން ލޮސް އެންޖަލެސް ބަލިކޮށްފި
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕު ޑީ ގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗުގައި ލޮސް އެންޖަލެސް ބަލިކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ލޮސް އެންޖަލެސްއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ޗެލްސީގެ ނޯނީ މަޑުއޭކާ ފޮނުވާލި ބޯޅަ ލޮސް އެންޖެލެސްގެ ގޯލު ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޑްރޯ ނެޓޯ އެވެ. އެއީ ލޮސް އެންޖެލެސްގެ އޭރިޔާ ތެެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ ކައިރިން ނައްޓައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ވެސް ޗެލްސީ އިން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ޗެލްސީގެ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިކޮލަސް ޖެކްސަން ބޮލުން ފޮނުވާލި ބޯޅަ ހުއްޓުވީ ލޮރިސް އެވެ.

އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. ޗެލްސީގެ ލިއާމް ޑެލަޕް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ.

މުބާރާތުގައި ޗެލްސީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ފްލަމެންގޯއާ ދެކޮޅަށެވެ. އަދި ލޮސް އެންޖެލެސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އެސްޕަރޭސްއާ ދެކޮޅަށެވެ.

- ކޮމެންޓް