ސިޔާސީ މުވައްޒަފުން ގިނަވެ ހަރަދު އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ކައުންސިލަރުންނާއި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅައިފިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއެން ނުނިކުންނަ ކަމަށް ކުރާ ތުހުމަތެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މިފަހުން ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ މެންބަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށާއި އެގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހިނގަމުން މިދާ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކައުންސިލްތަކަށް ދޭ ބްލޮކު ގްރާންޓު އޮތީ މަދުވެސްކޮށްފަ އެވެ.
އަދި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މެއި 15، ގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
އެގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ނިޒާމު ވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ރަށުގެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ކަމަށެވެ.
މިހާތަނަށް އެކި ސިފަ ސިފާގައި ކުރެވުނު އެންމެހާ ދިރާސާތަކުންވެސް ރައްޔިތުންގެ އެންމެ ކަނބޮޑުވުން އޮތީ ކައުންސިލަރުންގެ އަދަދާއި މެދު، ކުޑަރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށްވެސް މުނިސިޕަލް ހިދުމަތް ދިނުމަށް އިންތިހާބުކޮށް ދައުލަތުން މުސާރަ ދޭންޖެހޭ މަދުވެގެން 5 ކައުންސިލަރުން ތިބެން ޖެހުން ފަދަ ކަންކަމީ ހުރިހާގޮތަކުން ބެލިނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ ކަންތައްތަކެއް
ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު![]()
މީގެ އިތުރުން، މިކަންކާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށާއި ގަރާރު ހުށަހެޅުއްވީ މިފަދަ ކަންކަމަށް ހައްލުކުރުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށް ޝުޖާއުގެ ބަޔާނުގައިވެއެވެ.
ރައްޔިތުން މަޖިލީހަށް މިފަދަ ގަރާރެއް ހުށަހެޅުއްވިއިރު ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ، އެ އަދަދު ހާމަނުކުރާތީ އާއި ސިޔާސީ މުވައްޒަފުން އިތުރުވުމާއެކު މުސާރައަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ލަފާކޮށް،ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށް ވިދާޅުވެފައެވެ. ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.