ހުޅުމާލޭގެ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ފޮނުވަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ބުނީ، އެޗްޑިސީން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓު ތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް "ޕޭމަންޓް އެޑްވައިސް" ނޯޓިސް އެއް ފޮނުވަން ވަނީ ފަށާފައި ކަމަށެވެ. އެހެން ނަމަވެސް ފްލެޓުތަކުން ކުލީގެ ގޮތުގައި ލިބެންޖެހޭ ރުފިޔާގެ އަދަދު ބުނެފައެއްނުވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިން ކަމަށެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް ބައެއް މީޑިއާތަކުން ވަނީ އެޗްޑީސީއާއި ހަވާލާދީ ރިޕޯޓު ކޮށްފައެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި މިއީ ގަވައިދުން ކުލި ދައްކަން ހަނދާންކޮށްދީ ނަސޭހަތުގެ ގޮތުގައި ދެވޭ ނޯޓިސްއެއް އެކެވެ. ހުޅުމާލެ އިން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ގަވައިދުން ކުލި ނުދައްކާއިރު، ބައެއް ފަރާތްތަކުން ފްލެޓަށް ވަން ދުވަހުން ފެށިގެން މިހާތަނަށް އެއްވެސް މަހަކު ކުލި ދައްކާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ހުޅުމާލެއިން ދޭ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދައްކައިގެން އަތުލާފައި ނުވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ކޮވިޑަށް ފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސަވާފައެވެ.