ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، އެހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށެވެ.
އެގޮތުން ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު 10:00ން ރޭގަނޑު 10:00 ށް ޚިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.
އެ ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި، ކްލިނިކުން ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00ން ރޭގަނޑު 20:00އަށެވެ. އަދި ހުޅުމާލޭ ފުލޫ ކްލިނިކުގެ އިތުރު މައުލޫމާތު ހޯދުމަށް 1417ށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ފްލޫ ކްނިކަށް އަންނައިރު، މާސްކް އެޅުއްވުމަށް ވެސް ހޮސްޕިޓަލްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރު ރާއްޖެއިން 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާއިރު، ހައްޖުވެރިން އެނބުރި އަންނަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވާއިރު، ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ވަނީ ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށާއި ވީހާވެސް މަދުބަޔަކު އެއަރޕޯޓަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އާއްމުރޯގާ އަދި އިންފުލުއެންޒާ ގެ ކޭސްތައް އިތުރުވަމުން އަންނާތީ ބަލި މީހުންނަށް ޒިޔާރަތް ކުރަން ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ގޮވައިގެން ނުދިއުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ޚާއްސަކޮށް، ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ތެރޭގައި ރޯގާ ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހައްޖުވެރިންނަށް ޚާއްސަކޮށް އައިޖީއެމްއެޗުން ހައްޖު ފްލޫ ކްލިނިކެއް ހުޅުވައި، ޚިދުމަތް ދީފައިވެއެވެ. އެގޮތުން މިއަހަރު ވެސް އިތުރަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.