ކ. މާލެ
|
13 ޖޫން 2025 | ހުކުރު 12:47
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޞާލިޙު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޞާލިޙު
ރައީސް އޮފީސް
ފޭކް ކްލިޕެއްގެ މަޅީގައި ޔާމީން ޖެހިވަޑައިގަތުން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
ޕީއެންއެފް އިން ދެއްކީ އެޑިޓްކޮށްފައިވާ ކްލިޕެއްކަން ސާބިތުވީ ނަމަވެސް ދޮގު ކްލިޕެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކަތަކާއި މެދު ޕީއެންއެފް އިން ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ވެސް އާއްމުންނަށް މައުލޫމާތު ސާފުކޮށްދީފައިނުވޭ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކްލިޕެއްގެ މަޅީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖެހިވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ދެއްކި ކްލިޕްތަކުގެ ތެރެއިން ރައީސް ޞާލިހު ދައްކަވާފައިވާ ވާހަކަ ކަމަށް ބުނެ ދައްކާފައިވާ ކްލިޕަކީ އެ މަނިކުފާނު ދައްކާފައިވާ ވާހަކައިން ބައެއް އުނިކޮށް އަސްލު ގެއްލޭ ގޮތަށް އެޑިޓްކޮށްގެން މީސްމީޑިއާގައި ދައުރުކުރަމުންދާ ކްލިޕެކެވެ.

އެ ކްލިޕްގައި ހިމެނެނީ ކޮންމެ ރަށެއްގައި ވެސް މަޝްރޫޢުތައް ހިންގަނީ އެ ރަށުން ވޯޓު ލިބޭނެ މިންވަރަށް ބެލުމަށް ފަހުގައި ކަމަށާއި ވަޒީފާ ދޭނީ ވެސް އެ މޭރުމުން ވިސްނައިގެން ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާ ކަމަށް ދޭހަވާ ގޮތަށް އެޑިޓްކޮށްފައިވާ ވާހަކަކޮޅެކެވެ. އެންމެ ފުރަތަމަ އެ ކްލިޕް ދެއްކުމަށް ފަހު އޭރު ޕޯޑިއަމްގައި ހުންނެވި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ މައިޒަރު އާދަމް ވަނީ މިހާރު ރައީސް މުހައްމަދު މުއިއްޒު ކަންކަން ކުރައްވަމުންދާ ގޮތަކީ އެއީ ކަމަށް ވިދާޅުވެފައެވެ.

"މިއީ ހަމަ މުއިއްޒު ކަން ކުރާ ގޮތް. އިތުރު ކުންފުނި ހަދައިގެން ކަން ކުރަނީ މިހެން." މައިޒަރު ވިދާޅުވިއެވެ. އެހެންނަމަވެސް މައިޒަރުގެ ވާހަކައިގައި ރައީސް ޞާލިހު އެފަދައިން ވިދާޅުވި ކަމެއް ނުވަތަ ނޫން ކަމެއް ސާފުކޮށް ހާމަ އެއް ނުކުރައްވައެވެ.

އެ ހިސާބުން ރައީސް ޔާމީން އެ ކްލިޕާއި މެދު ވާހަކަދެއްކެވި އިރު ވާހަކަ ކުރިއަށް ގެންދެވީ އެ ޖަލްސާގައި ދެއްކި ކްލިޕަކީ އަސްލެއް ކަމަށް ބައްލަވައިގެންކަން އެ މަނިކުފާނު ދެއްކެވި ވާހަކަތަކުން ސާފުވެއެވެ. "ބައްލަވާ މިއީ ސިޔާސީ ލީޑަރުން، ޤައުމުގެ ރައީސަކަށް ހުރި މީހަކު ދެއްކި ވާހަކަ." ރައީސް ޔާމީންގެ ވާހަކަ ފެއްޓެވީ ވެސް މިފަދައިން ވިދާޅުވުމަށް ފަހުގައެވެ.

މީގެ އިތުރުން މިހާރު އަނެއްކާވެސް ރައީސްކަމަށް ކުރިމަތިލެއްވުމަށް ރައީސް ޞާލިހު މަސައްކަތް ކުރައްވާ ކަމަށް ފާހަގަކުރައްވާ އަނެއްކާވެސް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އެ ކްލިޕްގެ މައްޗަށް ބިނާކޮށް ރައީސް ސާލިހު އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވަޒީފާ އެއް ދިނަސް ދެނީ ބޮޑު އާއިލާ އެއް ބަލާ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާ ކަމަށާއި އެއީ ރައީސްކަމުގައި ހުންނަވައިގެން ދެއްކެވި ވާހަކަ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެފަދަ ވާހަކަ އެއް ރައީސް ޞާލިހު ދެއްކެވުމުން ވެސް އެންމެން އަތްޖަހާ ކަމަށް ބުނެ ރައީސް ޞާލިހަށް ތާއީދުކުރާ މީހުންނަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.

އެހެންކަމުން ޕީއެންއެފްގެ ޖަލްސާގައި ފޭކް ކްލިޕަކަށް ބިނާކޮށް ރައީސް ޔާމީން އެފަދަ ވާހަކަތައް ދެއްކެވުމުން ވާހަކަ އެއް ދެއްކެވުމުގެ ކުރިން އެ ވާހަކައިގެ އަސްލު ނުބަލާކަން ހާމަވާ ކަމަށް ބުނެ ބައެއް އާއްމުން ވަނީ ރައީސް ޔާމީނަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން އާއްމު މީހަކު ބުނެފައި ވަނީ އެއްވެސް މިންވަރަކަށް ރައީސް ޔާމީން ދިރާސާ ނުކުރައްވާ ހަމައެކަނި ބަޔަކު ދައްކާ ކްލިޕަަކަށް ބަރޯސާވާކަން އެ ވާހަކައިން ވަރަށް ބޮޑަށް ސާފުވާ ކަމަށާއި އެއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެހެން ބައެއް އާއްމުން ވެސް ވަނީ ރައީސްކަން ކުރެއްވި ބޭފުޅަކު އެންމެ އާދައިގެ މިންވަރުން ވެސް ފެކްޓް ޗެކް ނުކުރައްވާ އެހެން ރައީސުންނަށް ފާޑު ވިދާޅުވުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ބުނެ މީސްމީޑީއާގައި އެކަމަށް ފާޑު ކިޔާފައެވެ.

ޕީއެންއެފްގެ ރަސްމީ ޖަލްސާގައި މި ވާހަކަތައް ދެއްކުމުން ރައީސް ޞާލިހުގެ އަސްލު ވާހަކަ ހިމެނޭ ކްލިޕްތައް މީސްމީޑިއާގައި އާއްމުން ވަނީ ހިއްސާކޮށްފައެވެ. އެއާއި އެކު ޕީއެންއެފް އިން ދެއްކީ އެޑިޓްކޮށްފައިވާ ކްލިޕެއްކަން ސާބިތުވީ ނަމަވެސް ދޮގު ކްލިޕެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކަތަކާއި މެދު ޕީއެންއެފް އިން ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ވެސް އާއްމުންނަށް މައުލޫމާތު ސާފުކޮށްދީފައިނުވެއެވެ.

- ކޮމެންޓް