ކ. މާލެ
|
12 ޖޫން 2025 | ބުރާސްފަތި 21:18
ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު
ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު
ހައުސިންގް މިނިސްޓްރީ
ގެދޮރުވެރިޔާ ސްކީމް
ފްލެޓް ލިބޭ މީހުންގެ ލިސްޓް އަދިވެސް މިނިސްޓްރީން ނުފޮނުވާ: ފަހި ދިރިއުޅުން ކޯޕަރޭޝަން
މިނިސްޓަރު މުއްތަލިބް ވިދާޅުވެފައި ވަނީ ޖޫން މަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހަދާ ސޮއިކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސް ފުރަތަމަ ނިމިފައިވާ 1000 ފްލެޓް ހަވާލު ކުރާނެ ކަމަށް
ބާކީ ހުރި ފްލެޓްތައް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި
މި ސްކީމްގެ ދަށުން އިމާރާތް ކުރ 32 ޓަވަރުގެ ތެރެއިން 8 ޓަވަރުގެ މަސައްކަތް ނިންމާ ސަރުކާރާ ވަނީ ހަވާލު ކޮށްފައި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް މިނިސްޓްރީން އަދިވެސް ނުފޮނުވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ބުނެފިއެވެ.

މެއި މަހުގެ 19 ވަނަ ދުވަހު އެ ކޯޕަރޭޝަން އަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލަކަށް ދިން ޖަވާބުގައި ބުނެފައިވަނީ "މި ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓް ހިމެނޭ ޓަވަރުތައް ހަވާލު ކުރެވޭނީ މިނިސްޓްރީ އޮފް ހައުސިންގ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ދާއިމީ ލިސްޓް އާންމު ކުރުމުން؛" ކަމަށެވެ.

4000 ފްލެޓް ލިސްޓުގެ ވެރިފިކޭޝަން އަށް ފަހު ޝަކުވާގެ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބް ވިދާޅުވީ، ފްލެޓްގެ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓްތައް ދީ ނިންމާނެ ކަމަށެވެ. އަދި ޝަރުތު ހަމަ ނުވާ ކަމަށް ސާބިތުވާ ފަރާތްތަކަށް މިނިސްޓްރީން ރަސްމީ ކޮށް އެކަން އަންގާ އަދި އެފަރާތްތަކަށް އެޕީލް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

މިނިސްޓަރު އެދުވަހު ވިދާޅުވީ ޖޫން މަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހަދާ ސޮއިކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސް ފުރަތަމަ ނިމިފައިވާ 1000 ފްލެޓް ހަވާލުކޮށް ޖުލައި މަހުގެ ތެރޭގައި މީހުންނަށް ދިރިއުޅެވޭ ވަރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ބާކީ ހުރި ފްލެޓްތައް ވެސް އޭގެ ހައްގުވެރިންނަށް ހަވާލު ކުރެވޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ގައި ތަރައްގީ ކުރާ 4000 ފްލެޓް ހިމެނޭ 32 ޓަވަރުތަކުގެ ތެރެއިން 8 ޓަވަރު އިންޑިއާ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން އާ މިހާރު ވަނީ ހަވާލު ކޮށްފައެވެ.

- ކޮމެންޓް