ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި މިފަހަރު ވެސް ދަމަހައްޓައިފި އެވެ.
'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންއަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓުވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.
އެ ރިވިއުގައި އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި ފާހަގަކޮށްފައިވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
"ސީސީ ރޭޓިންއިން ބުނެދެނީ ކޮންމެ ވެސް ސިފައެއްގައި ދަރަންޏެއް ނުދެއްކިދާނެމުގެ ބިރު އޮތްކަން،" ފިޗުގެ ރިވިއުގައިވެއެވެ.
ފިޗް ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ފަތުރުވެރިކަން ރަނގަޅުވެފައިވުމުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަވެފައިވެ އެވެ.
އެގޮތުން، ފިޗުން ފާހަގަކޮށްފައި މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގައި 371 މިލިއަން ޑޮލަރަށް ދަށްވެފައިވާ ރިޒާވް، މި އަހަރުގެ އޭޕްރިލް މަހުގައި 856 މިލިއަން ޑޮލަރަށް އިތުރުވެފައިވެ އެވެ.
މި އިތުރުވުން އައިސްފައިވަނީ އާރުބީއައިއާ އެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުން އަދި ރިސޯޓްތަކުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް ގެނައި ބަދަލުން ކަމަށް ރޭޭޓިން ރިވިއުގައި ބުނެފައި ވެ އެވެ.
އެގޮތުން އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ނުހިމަނައި ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރީ 28 މިލިއަން ޑޮލަރު ކަމަށް ރޭޭޓިން ކޮމެންޓްރީގައި ބުނެފައި ވެ އެވެ.
ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ރިޒާވުން އުނިކުރުމުން ބާކީ އިންނާނީ އެންމެ 28 މިލިއަން ޑޮލަރު ކަމަށް ފިޗުން ފާހަގަކުރިއެވެ. އެއީ، ގައުމަކަށް އެކަށިގެންވާ އަދަދެއް ނޫނެވެ.
ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި އަންނަ އަހަރު 125 އިންސައްތައަށް އަރާނެކަމަށް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.
އެހެން ނަމަވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން، 4.8 އިންސައްތައިގައި މި އަހަރު އިގުތިސާދު ކުރިއަރަމުން އަންނައިރު އަންނަ އަހަރު ވެސް 4.7 އިންސައްތައިގައި އިގުތިސާދު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުން ވެސް އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ރޭޓިން މަތިކުރަން ބޭރު ފައިސާގެ ރިޒާވް އިތުރުކުރަންޖެހޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ. އަދި، ޚަރަދު ކުޑަކޮށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަވެސް ރޭޓިން މަތިކުރެވޭނެކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ބޭރުގެ ދަރަނި ދެއްކުމަށް ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައިވާއިރު، ދަރަނި އަދާކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް އިތުރަށް ދަށްކުރަން ވެސް ފިޗުން ލަފާދީފައިވެ އެވެ.