ހއ.ހޯރަފުށީގައި ގާއިމްކުރާ ބޮޓްލިންގ ޕްލާންޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރުމަށް އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓު ޕްރޮޖެކްޓްތަކުގެ ދަށުން ބޮޓްލިންގ ޕްލާންޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މި ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕްރޭޝަން ގުޅިގެން ޖޮއެންޓް ވެންޗާ އުސޫލުން ގާއިމްކުރާ ޕްލާންޓެއް ކަމަށްވާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޕްލާންޓް ބޭނުން ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފެނަކަ ކޯޕްރޭޝަނުން ދީފައިވާ ޔަގީންކަމާއި ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާތީ ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނީ، މިފަދަ ޕްރޮޖެކްޓްތަކަކީ ރަށްރަށުގެ އިގްތިސާދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ފަދަ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އަންނަ މަހު ޚިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލާއި، މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މިސަރުކާރުން ދޭ ބޮޑު ނިކަމެތިކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިގްތިސާދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ބަޔާނުގައި ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓްތައް ހުއްޓާލައި، އެތައް މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާތީ އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާ ކަމަށެވެ.
ހޯރަފުށީގެ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާނުލުމަށާއި، ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި އެންމެހާ މުވައްޒަފުންގެ ވަޒީފާތައް އިޔާދަކޮށްދިނުމަށް ވެސް މިބަޔާނުގައި އެމްޑީޕީން ގޮވާލާފައިވެއެވެ.