އިސްރާއީލުގެ ހައްދުފަހަނަ އެޅި ދެ ވަޒީރުން ގެ މައްޗަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޣައްޒާ ހަނގުރާމައާ ގުޅިގެން މި ދެމީހުންގެ އަމަލުތަކާ ގުޅޭގޮތުން، އިނގިރޭސި ވިލާތާއި އަދި އެ ގައުމުގެ އެހެނިހެން ބައިނަލްއަޤްވާމީ އެކުވެރިން ގުޅިގެން، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރުން ކަމަށްވާ އިޓަމާރ ބެން-ގްވީރް އާއި ބެޒަލެލް ސްމޮޓްރިޗްގެ މައްޗަށް ރަސްމީކޮށް ފިޔަވަޅު އަޅާނެ ކަމަށް އަންގާރަ ދުވަހު ހާމަ ކުރީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓައިމްސް އިންނެވެ.
ލަންޑަން އިން ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި އެހެނިހެން ޤައުމުތަކާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު ބެން-ގްވީރް އަދި މާލީ ވަޒީރު ސްމޮޓްރިޗްގެ މުދާތައް ހިފެހެއްޓުމާއި މި ދެމީހުން ގައުމުތަކަށް ދަތުރުފަތުރު ކުރުން މަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިނގިރޭސި ވިލާތުގެ ޚާރިޖީ އޮފީހުން މި ރިޕޯޓާ ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން އަދި ޖަވާބެއް ދީފައި ނުވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.
އެހެން ޔޫރަޕުގެ ޤައުމުތަކެކޭ އެއްފަދައިން، އިނގިރޭސިވިލާތުން ވެސް ގެންދަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިންމިން ނަތަންޔާހޫގެ ސަރުކާރަށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށް ޕްރެޝަރު އިތުރު ކުރަމުންނެވެ.
އިސްރާއީލުގެ އަނިޔާވެރި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާހިރުން ވަނީ މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
ލަންޑަން އިން ވޭތުވެދިޔަ މަހު އިސްރާއީލާއެކު ކުރިއަށްދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ވަނީ ހުއްޓާލާފައެވެ. މަޝްވަރާތައް ހުއްޓާލީ ޣައްޒާ ގައި އަދި ވެސްޓް ބޭންކު ގައި އިސްރާއީލުން ގެންގުޅޭ "ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ ސަފީރު ހާޒިރުކޮށް، ވެސްޓް ބޭންކުގައި އުޅޭ ގަވައިދާ ޚިލާފު ވަޒަންވެރިންގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.
ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ، އިސްރާއީލުގެ ފަހުގެ ހަމަލާތަކާ ގުޅިގެން އެއީ "މި ހަނގުރާމައިގެ އަނދިރި އައު މަރުޙަލާއެއް" ކަމަށް ސިފަ ކުރެއްވުމުގެ އިތުރުން، ޣައްޒާ މުޅިން ސުންނާފަތި ކޮށް އެތަނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ސްމޮޓްރިޗް ދެއްކި ވާހަކަތައް ވެސް ލެމީ ވަނީ ކުށްވެރިކުރައްވާފައެވެ.