ޔޫކްރެއިނުގެ އެއަރ ފޯސްއިން ބުނާ ގޮތުގައި، ތިން އަހަރު ދުވަހުގެ ހަނގުރާމައިގައި މިހާތަނަށް އެއް ރޭ މަތިން ރަޝިޔާ އިން ދިން އެންމެ ގިނަ އަދަދެއްގެ ޑްރޯން ހަމަލާ ދީފިއެވެ.
ޔޫކްރެއިނުން ބުނީ ރަޝިޔާ އިން 479 ޑްރޯން ޔުކްރެއިނަށް ފޮނުވާފައިވާ ކަމަށެވެ.
ހޯމަ ދުވަހުގެ ފަތިހު އެއަރ ފޯސްއިން ބުނެފައިވަނީ އެ ރޭ ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 460 ޑްރޯނާއި 19 މިސައިލް ވައްޓާލެވިފައި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން، ސުލްހަ އަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށް ރަޝިޔާ އިން ބުނެފައިވީ ނަމަވެސް، ރަޝިޔާ އިން ޔޫކްރެއިނަށް ދެމުންގެންދާ ޑްރޯން އަދި މިސައިލް ހަމަލާތައް ގެންދަނީ އިތުރުކޮށް އަދި ވަރުގަދަ ކުރަމުންނެވެ.
ރެކޯޑު އަދަދެއްގެ ޑްރޯން ހަމަލާއެއް ޔޫކްރެއިން އަށް ރަޝިޔާ އިން ފޮނުވާލީ ދެ ޤައުމުގެ މެދުގައި އެންމެ ފަހުން ބޭއްވުނު މަޝްވަރާތަކެއްގައި އެއްބަސްވެވުނު ހަނގުރާމައިގެ ގައިދީން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށްނެވެ.
ގިނަ އަމާޒުތަކަކަށް ފޮނުވާލި އެތައް ސަތޭކަ ޕްރޮޖެކްޓައިލްތަކުގެ ތެރެއިން އަމާޒަށް ވާސިލުވެފައިވަނީ އެންމެ 10 ޕްރޮޖެކްޓައިލް ކަމަށް ކީވްގެ އޮފިޝަލުން ބުނެފައިވެއެވެ. އެންމެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
މި ހަމަލާތައް އައިސްފައިވަނީ ޔުކްރެއިނުން ސިއްރިއްޔާތުގައި ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާ ސަރަހައްދުގައި ހުރި އެއަރބޭސްތަކެއްގައި ޕާކުކޮށްފައި ހުރި އެތައް ބޮން އަޅާ މަތިންދާބޯޓުތަކަކަށް ގެއްލުން ލިބުނު ހާދިސާއަކަށް ފަހުގައެވެ.
މިއީ ރަޝިޔާ އަށް ލިބުނު ލަދުވެތިކަމެއް ކަމަށާއި، މިއީ ރަޝިޔާ އަށް ބޯޑަރު ހުރަސްކޮށް މިސައިލް ހަމަލާ ދިނުމުގެ ޤާބިލުކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކީވް އިން ބުނެފައިވެއެވެ.