މި ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންދަނީ ރައްޔިތުންނަށް ދައްކާ ދަޅައެއްގެ އުސޫލުން ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝާތިރު ވިދާޅުވީ މިސަރުކާރުގައި، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، އެ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ގެންދާކަން ހާމަކުރާ ކަމަށެވެ.
އެޗްޑީސީގެ ގޯތީގެ ހިޔާނާތަަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ އެ މައްސަލަ ވެސް ފެންމަތިވުމާއެކު، ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޗްޑީސީއަށް ވަތް ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ތަހުގީގު ކުރިއަށް ގެންދާކަން އިއުލާންކުރި ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އެ މައުލޫމާތު އާއްމު ރައްޔިތުންނާ ހިއްސާކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް ޝާތިރު ވިދާޅުވިއެވެ.
ނަމަވެސް މިއަދާ ހަމައަށް އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލާގެ އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ވައްކަމުގެ އިތުރުން އެހެންވެސް ކުންފުނިތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ދަނީ ވާނުވާ ނޭނގި ކަމަށް ޝާތިރު ވިދާޅުވިއެވެ.
ޝާތިރު ވިދާޅުވީ އެޗްޑީސީގެ ގޯތީގެ ހިޔާނާތާ ގުޅިގެން އެމްޑީ ކަމުން އިސްތިއުފާ ދެއްވި ފަޒުލް ރަޝީދު އެންމެ ފަހުން ފެނިފައިވަނީ ޕީއެންސީގެ ސެނެޓުން ކަމަށާއި، އެ ސެނެޓު ބައްދަލުވުމުގެ ކުރީ ސަފުގައި ތިއްބެވީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ޝާތިރު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާކަން އިއުލާން ކުރަނީ ރައްޔިތުންނަށް ދައްކާ ދަޅައެއްގެ ގޮތަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަތައް މި ބައްޓަން މި ކުރައްވަނީ އެވާހަކަ އަޑުއަހަން ތިބީ މިރާއްޖޭގައި ހުސް މޮޔައިން ކަމަށް ހީކޮށްގެން. މުޅި ވާހަކަ ބައްޓަން ކުރައްވަނީ. ވިސްނާ ވަޑައިގަންނަވާ ތި ވިދާޅުވިހެން ކޮރަޕްޝަނާއި، ދުރަށް ވަޑައިގަތުމަށްޓަކައި ކިރިޔާ ވެސް ތިމަންނަ ޝައްކަތްވެއްޖެ މީހަކު ވިޔަސް އެ މަގާމެއްގައި ނުބަހައްޓާނަމޭ. މިހެން ވިދާޅުވި ބޭފުޅާގެ އަމަލުތައް މިހާރު މިރާއްޖޭގެ ރައްޔިތުންނަށް އެނގޭ. މިސަރުކާރަށް ވީ އެއްއަހަރު ދުވަހުގެ ތެރޭގައި ޚާއްސަކޮށް އެސްއޯއީތަކުން މިހިނގާދިޔަ ކަންކަން މިސާލަކަށް އެޗްޑީސީގައި ހިނގާދިޔަ ކަންތައްތައް. އެތަނުގެ މުވައްޒަފުންނަކީ ވަރަށް އިހުލާސްތެރި މުވައްޒަފުންތަކެއް. އެހެންނަމަވެސް ވެރިއަކަށް ހުންނަ މީހާ އެކަން ބޭނުންވެއްޖެއްޔާ އެކަން ކުރެވޭނެ ގޮތްތަކެއް ހުންނާނެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން![]()
ކުންފުނިތަކުގެ ވެރީންނަށް އަދި ވަޒީރުންގެ ގޮތުގައި އައްޔަން ކުރައްވާނީ އިތުބާރު ކުރެވޭ، އެމަނިކުފާނު ބޭނުންވާ ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ މިހާރު ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގޮތް ރައްޔިތުންނަށް ސާފުވެފައިވާ ކަމަށެވެ.
ޝާތިރު ވިދާޅުވީ މިހާރު އެއްވެސް މައްސަލައެއް ވެސް އިންސާފުވެރިކަމާއެކު ނުބެލޭނެ ކަމަށާއި، މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް، މުއައްސަސާތަކުގެ މިނިވަންކަން ވެސް ގެއްލުވާލާފައިވާ ކަމަށެވެ.