ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 15:27
ރަޝިޔާގެ ޑްރޯން ހަމަލާ އެއްގައި ޚާރކިވްގައި ހުންނަ ބާޒާރެއްގައި ރޯވެ އަނދަމުން ދާއިރު އަލިފާން ނިއްވާ އޮފިޝަލުން ހަރަކާތްތެރިވަނީ - 6 މެއި 2025
ރަޝިޔާގެ ޑްރޯން ހަމަލާ އެއްގައި ޚާރކިވްގައި ހުންނަ ބާޒާރެއްގައި ރޯވެ އަނދަމުން ދާއިރު އަލިފާން ނިއްވާ އޮފިޝަލުން ހަރަކާތްތެރިވަނީ - 6 މެއި 2025
ރޮއިޓަރސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިންގެ ޚާރްކިވް އަށް ރަޝިޔާ އިން ބާރުގަދަ ހަމަލާތަކެއް ދީފި
ޚާރްކިވް ސިޓީ ގެ މޭޔަރު މި ހަމަލާ ސިފަ ކުރައްވާފައިވަނީ 2022 ގައި ރަޝިޔާ އިން ޔުކްރެއިން އަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށީއްސުރެ އެ ސިޓީއަށް ދެވުނު "އެންމެ ބާރުގަދަ" ހަމަލާ ކަމަށެވެ.

ޔޫކްރެއިންގެ ޚާރްކިވް އަށް ރަޝިޔާ އިން ބާރުގަދަ ހަމަލާތަކެއް ދީފި އެވެ.

ހޮނިހިރު ދުވަހު ޔޫކްރެއިންގެ އޮފިޝަލުން ހާމަ ކުރި ގޮތުގައި މި ހާދިސާ ގައި މަދުވެގެން 3 މީހުން މަރުވެ، 22 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި ފަރާތްތަކުގެ ތެރޭގައި އެއް މަސް ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

މިއީ ރަޝިޔާ އިން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް ދެމެދުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، ރަޝިޔާގެ ހަމަލާތަކުގައި މިސައިލް އާއި، ބޮމާއި ޑްރޯން އަންނަނީ ބޭނުން ކުރަމުންނެވެ.

ހޮނިހިރު ދުވަހު ޔޫކްރެއިންގެ އެއަރ ފޯސްއިން ބުނެފައިވަނީ ރަޝިޔާ އިން ރޭގަނޑުގެ ވަގުތުގައި ދިން މިހަމަލާ ގައި 215 މިސައިލް ފޮނުވި ކަމަށާއި އެއަރ ޑިފެންސްތަކުން 7 މިސައިލް ވަނީ ވައްޓާލައި، ނައްތާލާފައި ކަމަށެވެ.

އިރުމަތީ އުތުރުގައިވާ ޚާރްކިވް ސިޓީ ގެ މޭޔަރު މި ހަމަލާ ސިފަ ކުރައްވާފައިވަނީ 2022 ގައި ރަޝިޔާ އިން ޔޫކްރެއިން އަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށީއްސުރެ އެ ސިޓީއަށް ދެވުނު "އެންމެ ބާރުގަދަ" ހަމަލާ ކަމަށެވެ.

އޭނާ ވިދާޅުވީ 1.4 މިލިއަން މީހުން ދިރިއުޅޭ، ރަޝިޔާގެ ބޯޑަރުން އެންމެ 50 ކިލޯމީޓަރު (30 މޭލު) ދުރުގައިވާ އެ ސިޓީ އަށް ފަތިހުގެ ވަގުތު އީރާނުން އުފައްދާފައިވާ 48 ޑްރޯން އާއި، 2 މިސައިލް އާއި އަދި 4 ގައިޑެޑް ބޮން އަމާޒު ކޮށްފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ހަމަލާގެ ސަބަބުން މުޅި ސިޓީ ގައި ސައިރަންގެ އަޑު އިވެމުން ދިޔަ ކަމަށާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި އާންމު ޚިދުމަތުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ޔޫކްރެއިން އިން ބުނީ އެއަރ ޑިފެންސް ޔުނިޓްތަކުން 87 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އަދި އިތުރު 80 ޑްރޯން އިލެކްޓްރޯނިކް ޖޭމިންގ ބޭނުން ކޮށްގެން މިސްރާބު އޮޅުވާލެވުނު ކަމަށެވެ.

ޖުމްލަ 10 ތަނަކަށް ހަމަލާދެވުނު ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

އިރުމަތީ އުތުރުގައިވާ އެ ސިޓީ އަށް ބުރާސްފަތި ދުވަހުވެސް މިސައިލް ހަމަލާއެއް ދެވުނެވެ. އެ ހަމަލާގައި 4 ކުދިން ހިމެނޭ ގޮތަށް 18 މީހުން ޒަޚަމްވިއެވެ.

- ކޮމެންޓް