ރަޝިޔާ އާއި ޔުކްރެރިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ރަޝިޔާގެ ހާކިވް ސިޓީ އަށް އަމާޒުކޮށް ރަޝިޔާ އިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރަޝިޔާ އިން ވަނީ އެ ސިޓީ އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ސިޓީގެ މޭޔަރު އިގޯ ޓެރެހޯވް ވިދާޅުވެފައި ވަނީ އެ ހަމަލާތަކުގައި މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށެވެ.
ހާކިވްގެ މޭޔަރު ހާމަކޮށްފައިވާ ގޮތުގައި، މިއީ 2022 ވަނަ އަހަރު ރަޝިޔާ އިން ޔުކްރެއިން ހަނގުރާމަ ފެށި ފަހުން، ހާކިވް ސަރަހައްދަށް އަމާޒުކޮށް ދިން އެންމެ ބާރު ގަދަ ހަމަލާ އެވެ. ކުއްލި އަކަށް ދިން އެ ހަމަލާގައި އެ ސަރަހައްދުގައި ވަނީ ގިނަ ގެއްލުންތަކެއް ވެސް ވެފަ އެވެ.
މިސައިލްތަކާއި، ޑްރޯންތަކާއި، ގައިޑެޑް ބޮންތައް ބޭނުން ކޮށްގެން އެއް ފަހަރާ އަމާޒު ކުރެވުނު މި ހަމަލާގައި، އެއް ގަޑިއިރުގެ ތެރޭގައި 40 އަށް ވުރެ ގިނަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މި ހަމަލާގައި އެކަކު މަރުވުމުގެ އިތުރުން، މިހާތަނަށް ހަތް މީހަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ރަޝިޔާ އިން ވަނީ މި ފަހުން ޔުކްރެއިން އަށް އަމާޒުކޮށް ހަމަލާ ދިނުން އިތުރު ކޮށްފަ އެވެ. އެ ހަމަލާތަކުގައި ޔުކްރެރިންގެ ބަޔަކު މަރުވަމުން އަންނައިރު، އެކި ސަރަހައްދުތަަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެކަމާ ގުޅިގެން މި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމުތަކުން ވަނީ ރަޝިޔާ އަށް ފާޑު ވެސް ކިޔައިފަ އެވެ.
ރަޝިޔާ އިން މި ފަހުން ހަމަލާތައް އިތުރު ކޮށްފައި ވަނީ، ތުރުކީގެ އިސްތަންބޫލުގައި ރަޝިޔާ އަދި ޔުކްރެއިންގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް ބޭއްވިފައި ވަނިކޮށެވެ. އެ ބައްދަލުވުންތަކުގައި ގިނަ ކަންތައްތަކަށް މަޝްވާރަކޮށް، ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލު ކޮށްފަ އެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ.
ޔުކްރެއިން އިން ބުނެފައި ވަނީ 30 ދުވަހުގެ މުއްދަތަަކަށް ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުން އޮތީ ތައްޔާރަށް ކަމަށާއި، އަދި ހަނގުރާމަ ހުއްޓާލަން ވާނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. ނަމަވެސް، ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ދެކޮޅު ހަދަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
މި ހަަމަލާތަކުގެ އިތުރުން، ރަޝިޔާ އިން ވަނީ ޔުކްރެއިންގެ ވެރި ރަށް ކީވް އަށް އަމާޒުކޮށް ހުކުރު ދުވަހު ވެސް ހަމަލާތަކެއް ދީފަ އެވެ. ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން ދީފައިވާ އެ ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.