ޓޮޓެންހަމަށް އިރުޝާދު ދެމުން އައި އަންގޭ ޕޮސްޓެކޮގްލޫ، ކުއްލި ގޮތަކަށް ކޯޗުކަމުގެ މަޤާމުން ވަކިކޮށްފި އެވެ.
އުމުރުން 59 އަހަރުގެ ޕޮސްޓެކޮގްލޫ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2027 ވަނަ އަހަރު އެވެ.
ނަމަވެސް، ޓޮޓެންހަމް އިން ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ކުއްލި ގޮތަކަށް ޕޮސްޓެކޮގްލޫ ވަކިކޮށްފި އެވެ. ނިމުނު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްގެ ނަތީޖާތައް ވަރަށް ބޮޑަށް އޮތީ ދަށްވެފަ އެވެ. އެގޮތުން ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވެފައި ވަނީ 11 މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު، 22 މެޗަކުން ވަނީ ބަލިވެފަ އެވެ. ޓޮޓެންހަމް އިން ސީޒަން ނިންމާލީ ވެސް ލީގު ތާވަލްގެ 17 ވަަނައިގަ އެވެ.
ނަމަވެސް، ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް އިން ވަނީ 17 އަހަރުގެ ތެރޭގައި ފުރަތަމަ ތަށި ކާމިޔާބު ކޮށްފަ އެވެ. ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑު ބަލި ކުރުމަށް ފަހު، ޓޮޓެންހަމް ވަނީ އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ނަތީޖާ ދަށްވުމުގެ ސަބަބުން ޕޮސްޓެކޮގްލޫގެ މުސްތަޤުބަލާ މެދު ގިނަ ސުވާލުތަކެއް އުފެދުނު ނަމަވެސް، ޔޫރޮޕާ ލީގުގެ ކާމިޔާބާ އެކު އެ ޓީމުގައި އޭނާ އަށް ދެމި ހުރެވިދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި ޓޮޓެންހަމާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ޕޮސްޓެކޮގްލޫ ވެސް އޮތީ ބުނެފަ އެވެ.
ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް އިން ވަނީ 101 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 47 މެޗުން މޮޅުވެފަ އެވެ. 15 މެޗުން އެއްވަރުވެފައިވާއިރު، 39 މެޗުން ވަނީ ބަލިވެފަ އެވެ. ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް އައީ ފާޑު ކިޔުންތައް ވެސް އަމާޒުވަމުންނެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ޓޮޓެންހަމް އިން އެ ޓީމުގެ ކޯޗުގެ މަގާމަށް އައު މީހަކު ހަމަޖައްސާނެ އެވެ. އެގޮތުން މިހާރު ޓޮޓެންހަމް އިން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ބުނެފައިވެ އެެވެ.