ޔުއެފާ ސުޕަ ކަޕްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ސުޕަ ކަޕްގައި ޕީއެސްޖީ އިން ވަނީ ޕެނަލްޓީ ޖަހައިގެން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޓޮޓެންހަމް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ޕީއެސްޖީ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޓޮޓެންހަމް އަށް ޖަހައިދިނީ މިކީ ވެން ޑަ ވިން އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއަން ރޮމެރޯ އެވެ.
މެޗުގައި ލަނޑު ޖެހުމަށް ޕީއެސްޖީ އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހީ ލީ ކަން އިން އެވެ.
އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޕީއެސްޖީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފްރާންސްގެ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގޮންޒާލޯ ރާމޯސް އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ޕީއެސްޖީ އިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އެވެ. އެއީ ރާމޯސްގެ އިތުރުން، ޑެމްބެލޭ، ލީ ކަން އިން އަދި ނޫނޯ މެންޑޭސް އެވެ. ޕީއެސްޖީގެ ވިޓީނިއާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
ޓޮޓެންހަމް އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ ޑޮމިނޮކް ސޮލަންކޭގެ އިތުރުން ރޮޑްރީގޯ ބެންޓަންކޫރް އަދި ޕެޑްރޯ ޕޮރޯގެ ޕެނަލްޓީ އެވެ. އެ ޓީމުގެ މިކީ ވެން ޑަ ވިން އަދި މަތިއަސް ޓެލްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
ޕީއެސްޖީ އިން ވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ އެ ޓީމުގެ ތާރީޚުގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު ސުޕަ ކަޕް ޕީއެސްޖީ އިން ކާމިޔާބު ކޮށްފައިވާއިރު، މިއީ އެ ޓީމުން ސުޕަ ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.