އިސްރާއީލްގެ ހަތިޔާރު އެކްސްޕޯޓް 14.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފި އެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ފާޑު ކިޔުންތައް އެ ޤައުމަށް ކުރިމަތިވަމުން އައި ނަމަވެސް، 2024 ވަނަ އަހަރު އެ ޤައުމުގެ ހަތިޔާރު އެކްސްޕޯޓުން 14.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ ވިދިވިދިގެން ހަތަރު ވަނަ އަހަރަށް އިސްރާއީލް އިން ހަތިޔާރު އެކްސްޕޯޓުން ރެކޯޑު އާމްދަނީއެއް ހޯދި އަހަރެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މުޅި އެކްސްޕޯޓުގެ 56.8 އިންސައްތަ އަކީ 100 މިލިއަން ޑޮލަރަށް ވުރެ މަތީގެ، "މެގަ ޑީލް" ތަކެއް ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއާ ދެކޮޅަށް ފެށުނު ހަނގުރާމައިގެ ސަބަބުން ލިބުނު ކުރިއެރުންތަކާ އެކު، އިސްރާއީލްގެ ހަތިޔާރުތަކަށް ބައިނަލްއަޤުވާމީ ޑިމާންޑު އިތުރު ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިސަލް، ރޮކެޓު އަދި އެއާ ޑިފެންސް ސިސްޓަމްތައް ވިއްކުން 2023 ވަނަ އަހަރު ހުރީ 36 އިންސައްތައިގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު 48 އިންސައްތަ އަަށް އިތުރު ވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އިސްރާއީލްގެ ޑިފެންސް މިނިސްޓްރީ އިން ބުނފައި ވަނީ، ހަތިޔާރު ގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކޮށްފައި ވަނީ ޔޫރަޕުގެ ޤައުމުތައް ކަމަށެވެ. ނަމަވެސް ވަކި ވަކި ޤައުމެއްގެ ނަން އެ ބަޔާނުގައި ހިމަނާފައި ނެތެވެ.
ހަމަ އެހެންމެ އަބްރަހަމް އެކޯޑްސްގައި ބައިވެރިވި ޤައުމުތަކަށް 2023 ވަނަ އަހަރު ވިއްކިފައި ވަނީ ތިން އިންސައްތަ ކަމަށް ވީ ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު 12 އިންސައްތަ އަށް އިތުރު ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވެފައި ވަނީ، ދަތި އުނދަގޫ ހަނގުރާމައިގެ އަހަރެއްގައި ވެސް، އިސްރާއީލް އިން ހަތިޔާރު އެކްސްޕޯޓު ކުރުމުގައި އައު ރެކޯޑެއް ހޯދާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ދުނިޔެ އިން އިސްރާއީލްގެ ބާރުގަދަކަން ދެކި، އެކަމުގައި ބަައިވެރިވާން ބޭނުންވާ ކަމަށެވެ.