މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، 45 އަހަރުގެ މޫސާ ޙަސަންއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.
މަސްތުވާތަކެތީ މައްސަލައެްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ މޫސަ ހަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އަދި މޫސާ ހަސަން މަރުވެފައިވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށެވެ.
މޫސާ ހަސަން މަރުވުމާއި ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.