ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވުނު ދެވަނަ ބުރުގެ ސުލްހައިގެ މަޝްވަރާތައް މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ އެވެ.
ޔޫކްރެއިންގެ ވަފުދުން ބުނެފައިވަނީ ރަޝިޔާ އިން އަނެއްކާވެސް "ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް" އިންކާރުކޮށްފައިވާ ކަމަށެވެ. މިއީ ޔޫކްރެއިން ގެ އިތުރުން ޔޫރަޕާއި އެމެރިކާގެ މައިގަނޑު އެއް ޑިމާންޑެވެ.
ރަޝިޔާގެ ޓީމުން ބުނެފައިވަނީ ފްރަންޓް ލައިންގެ "ވަކި ސަރަޙައްދުތަކެއްގައި" ދެ ދުވަސް ނުވަތަ ތިން ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ހޯމަ ދުވަހު ބޭއްވުނު މަޝްވަރާތައް، އިސްތަންބޫލްގައި ކުރިއަށް ދިޔައީ ގަޑިއިރަކަށް ވުރެ ކުޑަތަންކޮޅެއް އިތުރަށެވެ.
ދެފަރާތުން އެއްބަސްވެފައިވަނީ ބަލި އަދި ބޮޑެތި ޒަޚަމްތައް ލިބިފައިވާ ހަނގުރާމައިގެ ހުރިހާ ކުށްވެރިން ބަދަލުކުރުމަށެވެ. އަދި 25 އަހަރުން ދަށުގެ ގައިދީންވެސް ބަދަލުކުރުމަށެވެ.
މިހާރު މޮސްކޯއިން ޔުކްރެއިންގެ ސަރަޙައްދުގެ 20 އިންސައްތަ ވަނީ ހިފާފައެވެ. މީގެ ތެރޭގައި 2014 ގައި އަތުލި ދެކުނުގެ ކްރައިމިއާ ޕެނިންސުލާވެސް ހިމެނެއެވެ.
މަޝްވަރާތަކަށްފަހު ބޭއްވުނު ބްރީފިން އެއްގައި ވާހަކަ ދައްކަވަމުން، ޔޫކްރެއިން ޓީމުގެ އިސްވެރިޔާ، ޔުކްރެއިންގެ ދިފާއީ ވަޒީރު ރުސްތަމް އުމެރޮވް ވިދާޅުވީ "މިހާރުން މިހާރަށް މަރުތައް ހުއްޓުވުމަށް" މަދުވެގެން 30 ދުވަހުގެ މުއްދަތައް "ފުރިހަމަ އަދި ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް" ޔޫކްރެއިނުން ބާރުއަޅަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫކްރެއިނުން ރަޝިޔާ އަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތައް "މީގެ ދުވަސްކޮޅެއް ކުރިން" ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މޮސްކޯއިން އެކަން ގަބޫލު ނުކޮށް، އިސްތަންބޫލްގެ މަޝްވަރާތަކުގައި އެމީހުންގެ ޕްލޭން ހުށަހެޅި ކަމަށެވެ.
ޔޫކްރެއިންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވިދާޅުވީ ރަޝިޔާ އިން ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ޔޫކްރެއިނުން ބުނެފައިވަނީ ޖޫން މަހުގެ ނިޔަލަށް އެ ގައުމުގެ ހުށަހެޅުންތަކަށް ރަޝިޔާގެ ޖަވާބު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އާ ދެމެދު ސީދާ މަޝްވަރާތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ވަކިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ރަޝިޔާގެ ޑެލިގޭޝަންގެ އިސްވެރިޔާ ވްލަޑިމިއަރ މެދިންސްކީ ކަށަވަރުކޮށްދެއްވީ ބަލިވެފައިވާ އަދި ބޮޑެތި ޒަޚަމްތައް ލިބިފައިވާ ހުރިހާ އަސީރުންނާއި 25 އަހަރުން ދަށުގެ ގައިދީން ބަދަލުކުރެވޭނެ ކަމަށެވެ. ނަމަވެސް މިކަން ކުރާނެ ވަގުތެއް ބަޔާންކޮށްފައެއް ނުވެއެވެ.
މެދިންސްކީ އިތުރަށް ވިދާޅުވީ އަންނަ ހަފްތާގައި ރަޝިޔާއިން ކީވްއަށް 6,000 ޔުކްރެއިން ސިފައިންގެ ހަށިގަނޑުތައް ހަވާލުކުރާނެ ކަމަށެވެ.
ރައީސް ޒެލެންސްކީ އާއި އޭނާގެ ޔޫރަޕްގެ އެކުވެރިން ތަކުރާރުކޮށް ރަޝިޔާ އަށް ތުހުމަތު ކޮށްފައިވަނީ ޔުކްރެއިންގެ އިތުރު ސަރަޙައްދުތައް އަތުލުމަށްޓަކައި ގަސްދުގައި މާނަހުރި މަޝްވަރާތައް ރަޝިޔާ އިން ލަސްކުރަމުންދާ ކަމަށެވެ.
އަވަސް ހައްލަކަށް ބާރުއަޅަމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިހާތަނަށް ރަޝިޔާއަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.
މަޝްވަރާތައް ކުރިއަށް ދިޔައީ ފާއިތުވި ދުވަސްތަކުގައި ދެފަރާތުން ވެސް ހަމަލާތައް އިތުރުކޮށްފައިވަނިކޮށެވެ. އާދީއްތަ ދުވަހު ޔޫކްރެއިނުން ރަޝިޔާގެ އެކި ސަރަޙައްދުތަކަށް މިހާތަނަށް ދީފައިނުވާ ފަދަ ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީ، ބޮން އަޅާ މަތިންދާބޯޓުތަކެއް ހަލާކު ކޮށްލާފައިވާއިރު، ޔޫކްރެއިނުގެ ސިފައިންގެ މަރުކަޒަކަށް ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން 12 ޔޫކްރެއިން ސިފައިން މަރުވެފައިވެއެވެ.