ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަަކަށް ގެނައުމަށްޓަކައި ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުމުގައި ޔުކްެރެއިން އިން ބައިވެރި ވާނެ ކަމަށް އެ ޤައުމުގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިޔާ އިން ހުށަހަޅާފައިވާ ގޮތަށް ހޯމަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި އޮންނަ މަޝްވަރާތަކުގައި ޔުކްރެއިން އިން ބައިވެރިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވާނެ ޔުކްރެއިންގެ ވަފުދު ވެސް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރެއިންގެ ސަރުކާރުގެ އިސްވެރިންނާ އެކު އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ޒެލެންސްކީ ވިދާޅުވީ، އިސްތަމްބޫލުގައި ހޯމަ ދުވަހު އޮންނަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާ ޔުކްރެއިންގެ ވަފުދުގައި އިިސްކޮށް ހުންނަވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ރުސްތަމް އުމެރޮވް ކަމަށެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މަޝްވަރާތަކުގައި ބައިވެރިވުމަށް ރަޝިޔާގެ ވަފުދު ވަނީ އާދީއްތަ ދުވަހު އިސްތަމްބޫލަށް ގޮސްފަ އެވެ. އެ މަޝްވަރާތަކުގައި ރަޝިޔާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާ އާއި ޔުކްރެއިން އިން ވަނީ މިދިޔަ މަހު ވެސް ތުރުކީގެ އިސްތަމްބޫލުގައި ބައްދަލު ކޮށްފަ އެވެ. މިއީ 2022 ވަނަ އަަހަރު ފެށުނު ހަނގުރާމައިގެ ފަހުން ދެ ޤައުމުގެ އިސްވެރިން އެއް ތަނަކުން ބައްދަލުވެ، އެއް މޭޒެއްގައި މަޝްވަރާ ކުރެވުނު ފުރަތަމަ ފަހަރެެވެ.
އެ ބައްދަލުވުމުގައި ތުރުކީގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި އޭނާ ވަނީ ކުރިމަތީގައި އޮތީ ދެ މަގެއް ކަމަށް ވިދާޅުވެފަ އެވެ. އެއީ ސުލްހަވެރިކަން އިޚުތިޔާރު ކުރުމުގެ މަގު ނުވަތަ، އިތުރު މަރުތަކެއް ހިނގައި، އިތުރު ބައެއްގެ ފުރާނަ ގެއްލުމުގެ މަގު ކަމަށް ވެސް ވިދާޅުވި އެވެ.
އެ ދުވަހުގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ގާތް ގަނޑަކަށް ދެ ގަޑިއިރުގެ ދިގު މިނަކަށެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ފަރާތުން ވެސް ވަނީ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފަ އެވެ. އެގޮތުން ރަޝިޔާ އިން ހުށަހަޅާފައިވާ ހުށަހެޅުން އަދި ޑިމާންޑުތަކަކީ ޤަބޫލު ކުރެވޭ ފަދަ ކަންތައްތަކެއް ނޫން ކަމަށް ޔުކްރެއިން އިން އެ ދުވަހު ވެސް ވަނީ ބުނެފަ އެވެ.
އެ ދުވަހުގެ މަޝްވަރާގައި ދެ ޤައުމުން ވެސް ވަނީ، ހަނގުރާމައިގެ ސަބަބުން ރަހީނުކޮށްފައިވާ 1000 މީހުން ކޮންމެ ޤައުމަކުން ވެސް މިނިވަން ކޮށްދިނުމަށެވެ. ހަނގުރާާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމަކީ ވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ އޭރު ވެސް ފާހަގަ ކޮށްފަ އެވެ.