ކ. މާލެ
|
30 މެއި 2025 | ހުކުރު 17:22
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހައުސިންގް މިނިސްޓްރީ
ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއި އެކު ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނަގަން ފަށައިފި
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާއި އެކު ، އެތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ދިއައީ ހުކުރު ދުވަހު 14:30 ގައި
ގުޅީފަޅުން ގޯތި ލިބުނު ފަރާތްކުގެ މެދުގައި ގުރުނެގުން ކުރިއަށް ދިއައީ އުސްފަސްގަނޑުގައި އެކަމަށް ބޭއްވި ޚާއްސަ ރައްމިއްޔާތެއްގަ

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާއި އެކު ، އެތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ހުކުރު ދުވަހު ގުރުއަތުލުން ބާއްވައިފި އެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްކުގެ މެދުގައި ގުރުނެގުން ކުރިއަށް ދިއައީ އުސްފަސްގަނޑުގައި އެކަމަށް ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭނެއް މި ސަރުކާރުން އާންމުކުރީ މި ހިނގާ މެއި މަހުގެ 16ގައި އެވެ. އެކަމަކު، ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، އެ ލޭންޑް ޔޫޒް ޕްލޭނަށް ފަހުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އެހެން އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެއީ ގޯތި ލިބޭ ސަރަހައްދުތަކަށް ބަދަލުތަކެއް އައިސްފައިވާތީ ކުރާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުގެ މެދުގައި ގުރުބެގުމަށް ބޭއްވި ރަސްމިއްޔާތު ފެށީ ހުކުރު ދުވަހު 14:30 ގައި މާލޭގެ އުސްފަސްގަނޑު ސަރަހައްދުގަ އެވެ. ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުކުގައި އެ ސަރަހައްދުގައި ގަރަކާތްތެރިވެފައި ވަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،250 އަކަފޫޓުގެ 684 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،242 ގޯއްޗާއި، 2،050 އަކަފޫޓުގެ 923 ގޯއްޗާއި، 2،450 އަކަފޫޓުގެ 479 ގޯއްޗާއި، 2،850 އަކަފޫޓުގެ 158 ގޯއްޗާއި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި އަދި 3،650 އަކަފޫޓުގެ 22 ގޯއްޗެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގުރުއަތުލައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންގެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.

- ކޮމެންޓް