ކ. މާލެ
|
29 މެއި 2025 | ބުރާސްފަތި 09:51
ޗެލްސީ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލަނީ
ޗެލްސީ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލަނީ
ރޮއިޓަރސް
ކޮންފަރެންސް ލީގު
ޗެލްސީ އިން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފި
ޗެލްސީން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމު ވެގެން ގޮސްފައި ވަނީ ޔޫރަޕުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ޓީމެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ރެއާލް ބެޓިސްގެ މައްޗަށް ކުރި ހޯދައި، ޗެލްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބެޓިސް އިންނެވެ. ނަމަވެސް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގައި ޗެލްސީ އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބެޓިސް އިން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދެ އެޒަލްޒޫލީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިސްކޯ އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޒޯ ފެނާންޑޭސް އެވެ. އެއީ ކޯލް ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ޖޯޑަން ސަންޗޯ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މޮއިސަސް ކަސައިޑޯ އެވެ.

ޗެލްސީ އިން ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމު ވެގެން ގޮސްފައި ވަނީ ޔޫރަޕުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ޓީމެވެ.

މީގެ ކުރިން ޗެލްސީ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އަނެއްކޮޅުން މިއީ ޗެލްސީ އަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ އިން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ހަތަރު ވަަނައިގަ އެވެ.

އަދި އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ޗެލްސީ ވާދަކުރާނެ އެވެ.

- ކޮމެންޓް