މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ހިނގާ ނަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ނަމެވެ. ސަބަބަކީ ހަމައެކަނި އެމަނިކުފާނަށް ހުކުމް ކުރީތީ އެކަންޏެއް ނޫނެވެ. ހުކުމްކުރި ގޮތެވެ. ހޮސްޕިޓަލްގައި ބަލި ހާލުކޮޅުގައި އޮއްވައި ޝަރީއަތުގެ ބައެއް ހިންގަވައި ޣައިރު ހާޒިރުގައި ދަންވަރު ހުކުމް އިއްވީތީވެސްމެއެވެ. އެ ހުކުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފް ހުކުމެއް ކަމަށް ގިނަ ވަކީލުން އަންނަނީ ބުނަމުންނެވެ.
ގާސިމް އިބްރާހީމަށް ކުރި ދައުވާ އަށް ބަލައިލަމާތޯއެވެ. ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލީ 26 މާޗް 2017 ވަނަ ދުވަހުގެ ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ދައުވާ ސާބިތުކުރަން އެ ވާހަކަފުޅުގެ ރެކޯޑިން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ދައުލަތަށް ނުދެއްކެވުނެވެ. ގާސިމް ވިދާޅުވީ ކީއްކޭކަން ތިބޭފުޅުންނަށް އެނގޭތޯއެވެ. ގާސިމް އެ ޖަލްސާގައި ދައުވަތު ދެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގަތުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގެން އުޅުއްވާ މަޖިލިސް މެމްބަރުން އެ ޕާޓީއަށް އެނބުރި ވަޑައިގަތުމަށެވެ. ޕާޓީއަށް އަނބުރާ ވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިކެޓު ދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުން ގަބޫލުކުރާގޮތުގައި އެއޮތީ ރިޝްވަތު ދޭން އުޅެވިފައެވެ. އެފަދައިން ވިދާޅުވީތީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީއެވެ. ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމް އަށް ވަޑައިގެންވި މެމްބަރުން އަނބުރާ އެ ޕާޓީއަށް ވަޑައިގަތުމަށް ގޮވާލުމުން، އެ ގޮވާލީ ރިޝްވަތު ދޭނަމޭ ކަމަށް ހަމަބުއްދި ހުރި އިންސާނަކު ގަބޫލުކުރާނެތޯއެވެ. ފުރަތަމަ ކަމަކަށް އެ މެމްބަރުން ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމަށް ގުޅިވަޑައިގަތީ ކިހިނަކުންތޯ ބަލައިލަމާހެއްޔެވެ. އެ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަތީ ރިޝްވަތުގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް އެތައް ބަޔަކު މީގެކުރިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަތައް ބެލުމަށް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެތައް ބަޔަކު ގޮވާލާފައިވެއެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެ އަޑެއް ނީވުނެވެ. ރައީސް ޔާމީނަށް ބައިއަތު ހިއްޕަވައިގެން އެ މެމްބަރުން ވަޑައިގެންނެވީތީއެވެ. ރައީސް ޔާމީން ކައިރިން ދުރަށް ވަޑައިގަތުމަކީ ރިޝްވަތު ދިނުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހީވާ ކަހަލައެވެ.
ދެން ގާސިމް ވިދާޅުވި އަނެއް ވާހަކަފުޅަށް ބަލައިލަމާތޯއެވެ. އެހެނިހެން ގޮތްގޮތުން ވެސް އެހީވާނަމެވެ. ނުހައްގު އެހީއެއްވުމަށް ގާސިމް ގޮވާލެއްވިތޯއެވެ. މިކަން މިހެން ހިގަމުން ދަނިކޮށް، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްކޮންފަރެންސްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ދެ މެމްބަރަކު ވަރަށް އަވަހަށް ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އެ ވިދާޅުވާ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަންނަވަނީ ރިޝްވަތުދީގެން ކަމަށް ތުހުމަތު ނުކުރެވެނީތޯއެވެ. އެ ތުހުމަތު އިންތިހާއަށް ކުރެވޭއިރު، ސަރުކާރުގެ މެމްބަރަކަށްވީތީ އަދުރޭ ދެއްކެވި ވާހަކަފުޅު ތަހުގީގު ކުރާނެ މުއައްސަސާއެއް މި ރާއްޖެއަކު ނެތެވެ.
ގާސިމް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާއިރު، ގޯނި ގޯނީގައި ފައިސާ ބެއްސެވި ކަމަށް އެކި ތަންތަނުގައި އިއުތިރާފުވެވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ މައްސަލަ ކޮބައިތޯއެވެ. ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.
ހަމައެހެންމެ ތިމަން މަނިކުފާނުގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަން ކަމަށް ރައީސް އަބްދުﷲ ޔާމީން އެތައް ބައެއްގެ ކުރިފުޅުމަތީގައި އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންނެވިއިރު، ފުލުހުން އެ މައްސަލަ ނުބަލަނީ ކީއްވެތޯއެވެ. ހަލާލު ނޫން ފައިސާ ވާނީ ހަރާން ފައިސާއަށް ކަމަށް ފުލުހުންނަށް ނޭނގެނީތޯއެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުތައް ފުލުހުންނަށް ނޭނގެނީތޯއެވެ. ނަުަވަތަ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގައި ހުކުމް ކުރައްވަން ތިއްބެވި އިއްޒަތްތެރި ފަނޑިޔާރުންނަށް އެކަން އެނގިވަޑައިނުގަންވަނީތޯއެވެ.
ކޮންމެ އަކަސް ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަށް ފައިސާއަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހޯއްދެވި ހަލާލް ނޫން ފައިސާ ކަމަށް ރައީސް ޔާމީން އެ ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިސާ އަކީ ހަލާލް ނޫން ފައިސާކަން ރައީސް މިވަނީ ޔަގީން ކޮށްދެއްވާފައެވެ. ރައީސް ޔާމީންގެ ގެކޮޅަށް ހަލާލް ނޫން ފައިސާ ވެއްދި މީހަކު ކުށްވެރިވާ ފަދައިން އެ ހަރާމް ފައިސާގައި ހިއްޕެވޭތީ ރައީސް ޔާމީން ކުށްވެރިވާން ނުޖެހެންވީ ސަބަބެއް ނެތެވެ. ރާ ވިއްކާ މީހާއާ ރާ ވިއްކުވުމަށް ހުއްދަ ދޭ މީހާއާ އެކަމުގައި ބައިވެރިވާ މީހުން ކުށްވެރިވާފަދައިން ހަލާލް ނޫން ފައިސާ ދިން މީހާއާއި ހޯދީ މީހާއި ހަލާލް ނޫން ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރި މީހުން ވެސް ކުށްވެރިވާން ޖެހޭނެއެވެ. އިންސާފުގެ ދަރުބާރުގައި އެންމެން ހަމަހަމަ ވާން ޖެހޭނެއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިސްލާމީ ޝަރީޢަތާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އުސޫލުން ބޭރުން ކަންކުރާނަމަ ގައުމު ފުންމިން ނޭނގޭ އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމެވެ. އެފަދަ ގޮތެއް ގައުމަށް ވިޔަ ނުދިނުމަށްޓަކަިއ މަސައްކަތް ކުަރަން ތިބި ބަޔަކީ ފަނޑިޔާރުންނެވެ. ކޯޓްތަކެވެ. ކޯޓުތަކުގެ ހައިބަތާއި ގަދަރު މަތިވެރިކޮށް ރާއްޖޭގައި ޢަދުލު އިންސާފާ ހަމަހަމަކަން ގާއިމްވެގެން ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އުންމީދެވެ
ނަމަވެސް ދިވެހިންގެ އެ އުންމީދު ހަގީގަތަކަށް ވެދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މިއަދަކު ނެތެވެ. ކޯޓްތަކުން ނިންމާ ނިންމުންތަކުގެ ސަބަބުންނެވެ. އިންސާފް ގާއިމް ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތަކީ ގާނޫނުތައް ރާޒުވާ ކުޅިބަޔަކަށް ހަދައިގެން ކުޅުމެވެ.
މިއަދު ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ވެފައި ވަނީ ސިޔާސީ ގޮތުން ނުފޫޒް ގަދަ މީހުން ފަނޑިޔާރުންނާ ގުޅިގެން ކުޅެމުންދާ ކުޅިވަރަކަށެވެ. ގާނޫތަކުން ލިބެން ޖެހޭ އިންސާފެއް މިއަދު ނުލިބެއެވެ. ގާނޫނުތަކުން ހިމާޔަތް ހޯދައިގެން ތިބެ ރައްޔިތުންގެ ނަމުގައި ވައްކަން ކުރާ މީހުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ބާރެއް ނެތް ނިކަމެތި ރައްޔިތު މީހާ އިތުރަށް ބާރު ދެރަ ކޮށްލަނީ ގާނޫނުގެ ނަމުގައެވެ. ނަތީޖާއަކީ މިއަދު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުު ގޫނުތަކަށް ކުރަން ޖެހޭ އިހުތިރާމެއް ނުކުރެއެވެ. ގާނޫނުދެކެ ބިރެއް ނުގަނެއެވެ. ވަނީވެސް އެހެންތާއެވެ. ފާޅުގައި ރިޝްވަތު ދިން ކަމަށް އިއުތިރާފްވި މީހުންނާ ރައްޔިތުންގެ މުދަލާ ފައިސާ ނުހައްގުން ބޭނުން ކުރަމުންދާ މީހުން މިނިވަން ކަމާއެކު މުޖުތަމައުގައި އުޅެމުންދާތީއެވެ.
ކޮންމެ އަކަސް ގާނޫނުއަސާސީއާއި ގާނޫނުތަކަކީ ލޮލަށް ނުފެންނަ އެއްޗެއް ފަދައިން މިއަދު ރާއްޖޭގެ ޝަރުއީ ކޯޓްތަކުގައި މަސައްކަތް ކުރާ ފަނޑިޔާތުންނަކީ ވެސް ލޮލަށް ނުފެންނަ ބައެއް ކަަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެން އެކަންވީ ގާނޫނުތައް ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ކުޅިބަޔަކަށް ހެދުމުންނެވެ.