ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން ކައުންސިލްތައް އުވާލަން މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ ދެކޮޅުކަން ހާމަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ރ.އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރަން ނިންމައިފިއެވެ.
އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިމަހު 15 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 5 ވަނަ އާންމު ޖަލްސާގައެވެ. އެގޮތުން ޖަލްސާގައި މި މައްސަލަ އެޖެންޑާ ކޮށްފައިވަނީ އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމެވެ. އަދި ޖަލްސާގައި މިކަމާ ގުޅޭގޮތުން ބަހުސް ކުރުމަށްފަހު މާލެއަށް ދަތުރެއް ކުރަން ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިނެވެ.
މިމައްސަލާގައި ބަހުސް ކުރަށްވަމުން ކިނޮޅަސް ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އަމަލުކުރަމުން އަންނަ ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުތައް ނިގުޅައިގަނެ ހުރިހާ ބާރެއް ރައީސްގެ މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ލޯކަލް ކައުންސިލް އެސޯސިއޭޝާނުން ވަނީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އިޖާބަނުދެއްވުމުން، ކަންބޮޑުވުންތަށް ހިމަނާފައިވާ ސިޓީއެއް ރައީސް އޮފީހަށް ގޮސް ހުށަހަޅާފައެވެ.
އެމްއެލްސީއޭގެ ފަރާތުން ރައީސް އޮފީހަށް ސިޓީ ހުށަހެޅުމަށްފަހު އަދަދު ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޓި ބިޓީއަކީ އީމެއިލް މެދުވެރިކޮށް ފޮނުވާ އެއްޗެހި ކަމަށާއި އެހެން ނަމަވެސް އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީތަކުގެ ޖަވާބު ނުލިބޭ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ބައްދަލުކުރަން އެތައް ފަހަރަކު އެދުމުން ވެސް ރައީސް އިޖާބަ ނުދެއްވާކަމަށް ބަޝީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކާއި އެނިޒާމާ ގުޅުވައި ރައީސް ދައްކަވާ ވާހަކަތަކާ ގުޅިގެން ކައުންސިލްތަކުން އަނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއަކުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މެއި 15، ގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށް ވިދާޅުވެފަ އެވެ.
ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ރައީސް އާއި ބައްދަލުކުރަން ނިންމާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަހުންވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ މެންބަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށާއި އެގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.