ކ. މާލެ
|
28 މެއި 2025 | ބުދަ 11:32
އެމްއޯސީގެ ކޮންގްރެސްގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންތަކުން ބައިވެރި ވަނީ
އެމްއޯސީގެ ކޮންގްރެސްގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންތަކުން ބައިވެރި ވަނީ
އެމްއޯސީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ލިޔުންތައް ނުބަލަހައްޓާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ
އެގޮތުން 2018 ވަނަ އަހަރު ވެސް ކުޅިވަރު ވުޒާރާ އިން ވަނީ ރާއްޖޭގެ 16 ކުޅިވަރު އެސޯސިއޭޝަނަކަށް 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ މުއާމަލާތްތަކުގެ ލިޔުންތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށާއި، އެސޯސިއޭޝަންތަކުގެ ޚަރަދު ވެސް ރަނގަޅަށް ބަލަމުން ނުދާ ކަމަށް، އޮޑިޓާ ޖެނަރަލްގެ އޮފީހުން ކުރި އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އަންގާރަ ދުވަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ ކުޅިވަރު ވުޒާރާގެ އޮޑިޓް ރިޕޯޓު އާންމުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ކުޅިވަރު ވުޒާރާ އިން ވަނީ ގިނަ އެސޯސިއޭޝަންތަކަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން 2018 ވަނަ އަހަރު ވެސް ކުޅިވަރު ވުޒާރާ އިން ވަނީ ރާއްޖޭގެ 16 ކުޅިވަރު އެސޯސިއޭޝަނަކަށް 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފަ އެވެ.

އެހެން ނަމަވެސް، އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާ ފައިސާ، އެ އެސޯސިއޭޝަންތަކުން ޚަރަދު ކުރަމުން އަންނަ ގޮތާއި، އެކަމާ ގުޅޭ ލިޔެ ކިޔުންތައް ބަލަހައްޓާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މީގެ އިތުރުން އެ ފައިސާ ޚަރަދު ކުރަންވީ ގޮތް ވެސް، ކުޅިވަރު ވުޒާރާ އިން އެސޯސިއޭޝަންތަކަށް ބުނެދީފައިވާ ގޮތުގެ އެއްވެސް ލިޔެކިޔުމެެއް ފެންނަން ނެތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައި ވަނީ ކުޅިވަރު ވުޒާރާ އިން ދީފައިވާ ދައުލަތުގެ ފައިސާ ޚަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލުތައް، ބައެއް އެސޯސިއޭޝަންތަކުން ބަލަހައްޓާފައި ނެތް ކަމަށެވެ. އަދި އެކަން އެހެން ކޮށްފައި ވަނީ ކުޅިވަރު ވުޒާރާ އިން ވެސް އެކަން ބަލާފައި ނެތުމުން ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ހަމަ އެހެންމެ، ބައެއް އެސޯސިއޭޝަންތަކުން ޚަރަދު ކޮށްފައިވާ ގޮތުގެ ލިޔެ ކިޔުންތައް ހޯދުމަށް އެތައް ފަހަރެއްގެ މަތިން އޮޑިޓް އޮފީހުން ވަނީ އެދިފަ އެވެ. ތަކުރާރުކޮށް އެދުނު ނަމަވެސް، ބައެއް އެސޯސިއޭޝަންތަކުން އެ ލިޔުންތައް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ވަނީ ކުޅިވަރު ވުޒާރާ އިން ފައިސާ ދޫކޮށްފައިވާ 12 އެސޯސިއޭޝަން އަދި ދޫކޮށްފައިވާ ފައިސާގެ ތަފުސީލުތައް ވެސް ހިމަނައިފަ އެވެ.

އެ ރިޕޯޓުގައި އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފައި ވަނީ، ޕްރޮގްރާމް ބަޖެޓާ ގުޅިގެން ހޯދާ ޚަރަދު ރިޕޯޓުތައް، ވަކި ވަކި ޚަރަދުތަކުގެ ތަފްސީލް އެނގޭނެ ގޮތަށް ތައްޔާރު ކުރުމަށް އެސޯސިއޭޝަންތަކަށް އެންގުމަށް އެދޭ ކަމަށެވެ. އަދި ޚަރަދު ރިޕޯޓުތައް ތައްޔާރުކޮށް ހުށަނާޅާ އެސޯސިއޭޝަންތަކަކީ ކޮބައިކަން ވުޒާރާ އިން ބަލައި، އެފަދަ އެސޯސިއޭޭޝަންތަކަށް އަޅާނެ ފިޔަވަޅުތަކެއް އެކުލަވާލުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ދައުލަތުން އެސޯސިއޭޝަންތަކަށް ދޫކުރާ ފައިސާގެ ހިސާބުތައް ފަސޭހަ އިން ފެންނާނޭ ގޮތަކަށް ރައްކާތެރިކަމާ އެކު

ބެލެހެއްޓުމަށާއި، ދައުލަތުގެ ކަމާބެހޭ އިދާރާ އަކުން މިފަދަ މަޢުލޫމާތެއް ހޯދަން އެދިއްޖެ ނަމަ އެފަރާތަކަށް އެ މަޢުލޫމާތެއް ފަސޭހަ އިން ލިބޭނޭ ގޮތަކަށް ހިސާބުތައް ބެލެހެއްޓުމަށް ވެސް އެދިފައިވެ އެވެ،

އަދި ހަމަ އެހެންމެ، ދައުލަތުން އެސޯސިއޭޝަން ތަކަށް ދޫކުރާ ފައިސާ ޚަރަދު ކުރުމަގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އިން އެސޯސިއޭޝަންތަކަށް އެންގުމަށާއި، އެސޯސިއޭޝަންތަކުން އެގޮތަށް ޢަމަލު ކުރަމުންދާކަން މިނިސްޓްރީން ޔަޤީން ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

- ކޮމެންޓް