ކ. މާލެ
|
28 މެއި 2025 | ބުދަ 11:16
އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ރޮއިޓަރސް
އަލް ނަސްރު
ކުރިމަގާ ގުޅޭ ގޮތުން ރޮނާލްޑޯ ދޫކޮށްލީ ސުވާލުތަކެއް
އެ ޕޯސްޓުގައި ރޮނާލްޑޯ ލިޔެފައި ވަނީ، ޗެޕްޓަރ ނިމުނީ ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ވާހަކަަތައް ލިޔެވެމުން ދާނެ ކަމަށާއި، ހުރިހާ ކަމަކާ މެދު ވެސް އުފާވެ، ޝުކުރު ވެރިވާ ކަމަށް ރޮނާލްޑޯ ވަނީ ލިޔެފަ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތާ ގުޅިގެން ސުވާލުތަކެއް ދޫކޮށްލައިފި އެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، މިހާތަނަށް ރޮނާލްޑޯ އަލް ނަޞްރުގެ އެއްބަސްވުން އައު ކޮށްފައި ނުވެ އެވެ. އަދި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވެސް އަންނަނީ ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ. އެގޮތުން އަލް ނަޞްރާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ރޮނާލްޑޯ އެ ކުލަބު ދޫކޮށްލާނެ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

އެ ވާހަކަތައް އެހެން ދެކެވެމުން އަންނަނިކޮށް، ސައުދީ ލީގުގައި އަލް ފާތެހާ ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗަށް ފަހު ރޮނާާލްޑޯ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓުގައި ރޮނާލްޑޯ ލިޔެފައި ވަނީ، ޗެޕްޓަރ ނިމުނީ ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ވާހަކަަތައް ލިޔެވެމުން ދާނެ ކަމަށާއި، ހުރިހާ ކަމަކާ މެދު ވެސް އުފާވެ، ޝުކުރު ވެރިވާ ކަމަށް ރޮނާލްޑޯ ވަނީ ލިޔެފަ އެވެ.

ރޮނާލްޑޯގެ އެ ޕޯސްޓާ ގުޅިގެން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، ރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލު ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޮނާލްޑޯ ވަނީ އަލް ނަޞްރުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ އެ ކުލަބާ އެކު ރޮނާލްޑޯ ހޭދަ ކުރި ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މި ތިން ސީޒަންގެ ތެރޭގައި އަލް ނަޞްރަށް ކުޅެދިން 111 މެޗުގައި 99 ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރާ އެކު ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ އަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މި ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮނާލްޑޯ އެވެ. އޭނާ ވަނީ ސައުދީ ލީގުގައި އަލް ނަޞްރަށް ކުޅެދިން 30 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މިދޔަ ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯގެ މުސްތަޤުބަލާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން އަންނަ މި ދަނޑި ވަޅުގައި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕްގައި ރޮނާލްޑޯ ފެނިދާނެ ކަމަށެވެ. އަދި މިހާރު ރޮނާލްޑޯ އަންނަނީ ބައެއް ކުލަބުތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް ވެސް އިންފަންޓީނޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ އަކީ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް