ކ. މާލެ
|
27 މެއި 2025 | އަންގާރަ 09:22
ރެއާލްގެ ކޯޗަކަށް ހަމަޖެއްސި ޒަބީ އަލޮންސޯ
ރެއާލްގެ ކޯޗަކަށް ހަމަޖެއްސި ޒަބީ އަލޮންސޯ
ރޮއިޓަރސް
ރެއާލް މެޑްރިޑް
ރެއާލްގެ ކޯޗުކަމާ އަލޮންސޯ ހަވާލުވެއްޖެ
ރެއާލް އިން ވަނީ އެ ކުލަބުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެ، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އަދި ރެއާލުން ވަނީ އެ ކުލަބުގެ ކޯޗުގެ ގޮތުގައި އޭނާ ދައްކާލައިފަ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމާ، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ހަވާލުވެއްޖެ އެވެ.

ރެއާލް އިން ވަނީ އެ ކުލަބުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެ، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އަދި ރެއާލުން ވަނީ އެ ކުލަބުގެ ކޯޗުގެ ގޮތުގައި އޭނާ ދައްކާލައިފަ އެވެ.

ރެއާލްގެ ކޯޗުކަމާ އުމުރުން 43 އަހަރުގެ އަލޮންސޯ ހަވާލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ.

ރެއާލްގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އިޓަލީގެ ކާލޯ އަަންޗެލޮޓީ ރެއާލްގެ ކޯޗުކަން ދޫކޮށްލުމުންނެވެ. އަންޗެލޮޓީގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ރެއާލް ދޫކޮށްލީ، ބްރެޒިލްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށެވެ.

އަންނަ ޖޫން މަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕްގައި ރެއާލަށް އިރުޝާދު ދޭނީ އަލޮންސޯ އެވެ. މީގެ ކުރިން ވެސް އެ ކުލަބުން އޮތީ އެގޮތަށް ބޭނުން ވެގެންނެވެ. އެހެންކަމުން އަލޮންސޯގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ރެއާލްގެ ފަރިތަކުރުންތައް ފަށާނެ އެެވެ.

އަލޮންސޯ ވަނީ 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ރެއާލަށް ކުޅެފަ އެވެ. ރެއާލަށް ކުޅެދިން 236 މެޗުގައި އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ރެއާލް ދޫކޮށްލުމަށް ފަހު، ދެން އަލޮންސޯ ބަދަލުވީ ބަޔާން މިއުނިކަށެވެ. އެ ކުލަބުގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު، 2017 ވަނަ އަހަރު އަލޮންސޯ ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އޭރު އޭނާ ވަނީ ބަޔާން އާއެކު ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އަލޮންސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ލެވަކޫސަން އާއެކު އަލޮންސޯ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އެއްބަސްވުން އުވާލުމަށް ފަހު އޭނާ ވަނީ ރެއާލާ ހަވާލުވެފަ އެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް އެ ޓީމު ވަނީ ކުޅެފަ އެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން މި ސީޒަން ނިންމާލީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ ލީގުގައި ކުޅުނު 34 މެޗުން 69 ޕޮއިންޓު ހޯދައިގެންނެވެ. 19 މެޗުން ލެވަކޫސަން މޮޅުވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ތިން މެޗަކުން ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް