މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައި، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ނިއު ރޭޑިއަންޓް އިން ހޯދީ ލީގު ބުރުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އޮޑި އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ލީގު ބުރުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.
މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗު ކާމިޔާބު ކޮށްފައި ވަނީ ނިއު ރޭޑިއަންޓް އިންނެވެ. އެހެން ނަމަވެސް، އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އޮޑި އިން ވަނީ 2-1 އިން ނިއު ރޭޑިއަންޓް ބަލިކޮށް، ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ނިއު ރޭޑިއަންޓުންނެވެ. އެހެން ނަމަވެސް، އޮޑި އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުން މޮޅުވި ލަނޑު އޮޑިން ޖެހީ ވެސް މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޫސާ ޔާމީން އެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ވެސް ލިބިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އޮޑި އިން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޝޫރު އަލް ސައީދު އެވެ.
އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އޮޑި އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙުމަދު ނޫމާން އެވެ.
ނިއު ރޭޑިއަންޓް ކަޓުވާލައި އޮޑި އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ބުދަ ދުވަހުގެ ރޭ އޮންނަ ފައިނަލްގައި އެ ޓީމު ނިކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.
މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި އޮޑި އިން ލީޑު ނަގާފައި ވަނިކޮށް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.