މާލޭގައި މިއަދު 59 ކައިވެނި ކުރުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ތާރީހު (25-5-25) ރީތިވެ، 59 މީހުން ފެމެލީކޯޓުގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވުމުން ހާއްސަ އިންތިޒާމުތަކެއްވެސް ހަމަޖައްސާފައިވެއެވެ. ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ މެދުގައި މަގުބޫލުކަމެކެވެ.
އެކޯޓުން ބުނީ، މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިކަމަށެވެ. އެގޮތުން އެކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ވަނީ ގޮނޑިބަރި ވެސް ޖަހާފައެވެ.
ފެމިލީ ކޯޓުން ހާމަކުރި ގޮތުގައި އާދިއްތަ ދުވަހު ޖުމުލަ 59 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާއިރު ރަސްމީ ގަޑީގައި 23 ކައިވެނި ކުރުމަށް ހަމަޖެހިފައިވާކަމަށެެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށްވެސް އެކޯޓުން ބުނެފައިވެއެވެ.
ފެމިލީ ކޯޓުން ހަފުތާ ބަންދުގައި ކައިވެނި ކޮށްނުދޭ ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިން ހަފުތާ ބަންދުތަކުގައި ކައިވެނި ކޮށްދޭ ގޮތަށް އެ ކޯޓުން ވަނީ ބަދަލުކޮށްފައެވެ.