ކ. މާލެ
|
25 މެއި 2025 | އާދީއްތަ 09:46
ރަޝިޔާ އިން ދިން ހަމަލާ އަމާޒުވި އެޕާޓްމަންޓެއް
ރަޝިޔާ އިން ދިން ހަމަލާ އަމާޒުވި އެޕާޓްމަންޓެއް
ރޮއިޓަރސް
ރަޝިއާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާ އިން ދިން ހަމަލާގައި ޔުކްރެއިންގެ 15 މީހަކު ޒަޚަމުވެއްޖެ
އެކަމާ ގުޅިގެން ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެފައި ވަނީ އެއީ ޔުކްރެއިން އަށް ވަރަށް އުނދަގޫ ރެެއެއް ކަމަށް.

ރަޝިޔާ އިން ޔުކްރެއިންގެ ވެރި ރަށް ކީވް އަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެއްގައި، 15 މީހަކު ޒަޚަމުވެއްޖެ އެވެ. 

ޔުކްރެއިންގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާ އިން އެ ޤައުމުގެ ވެރި ރަށް ކީވް އަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ، ޑްރޯން އަދި ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެންނެވެ. އެ ހަމަލާތަކުގައި 15 މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފަ އެވެ.

އެކަމާ ގުޅިގެން ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެފައި ވަނީ އެއީ ޔުކްރެއިން އަށް ވަރަށް އުނދަގޫ ރެެއެއް ކަމަށެވެ. އަދި ރަޝިޔާ އިން ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އިތުރަށް ބާރު އެޅުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އަށް ޒެލެންސްކީ ވަނީ ގޮވާލައްވާފައި އެވެ.

ޔުކްރެއިންގެ ވެރި ރަށް ކީވްގެ މަތިން ޑްރޯންތައް އެދުހެމުން ދިޔަ މަންޒަރު ފެނިފައިވާ ކަމަށް، އެ ސަރަހައްދުގައި ޙަރަކާތްތެރިވި ރޮއިޓާސްގެ ނޫސްވެރިން ވަނީ ބުނެފަ އެވެ. އަދި ޑްރޯން އާއި މިސައިލް ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަޝިޔާ އިން ދިން މި ހަމަލާގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުންވެ، ހަލާކުވެފަ އެވެ. އޭގެ ތެރޭގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓުތައް ހިމެނޭ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަން އިން ބުނެފައި ވަނީ އެއީ ހަނގުރާމައިގެ އެންމެ ބޮޑެތި އަދި ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ. އަދި ޒަޚަމުވި 15 މީހުންގެ ތެރޭގައި ދެ ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތެއް ކަމަށްވާ އުމުރުން 63 އަހަރުގެ ޓަޓަރޗުކް ބުނީ، އޭނާގެ އެޕާޓްމަންޓަށް ޑްރޯން ހަމަލާ އަމާޒުވީއިރު އެތަނުގައި ހުރި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ހަލާކުވެފައިވާ އިމާރާތްތަކުގެ މަންޒަރު ދައްކަން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ރަޝިޔާ އިން މި ހަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް، ރަޝިޔާ ޔުކްރެއިން ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް ގޮވާލަމުން އަންނަ ވަގުތެއްގަ އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ޓްރަމްޕް ވަނީ ފޯނު މެދުވެރިކޮށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ކުރައްވާފައި އެވެ. 

- ކޮމެންޓް