މި ސަރުކާރުން ފައިސާ ހޯދައިގެން އެއްވެސް މަޝްރޫއެއް މިހާތަނަށް ފެށިފައިނުވާ ކަމަށާއި، ހޮސްޕިޓަލްތައް އެޅުމަށް އިއުލާން ކުރާ ހުރިހާ މަޝްރޫއަކީ ވެސް ކުރީ ސަރުކާރުގައި ފައިސާ ހޯދައި، ފެށުމަށް ނިންމާފައިވާ މަޝްރޫއުތައް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރިޔާޒު މަންސޫރު ވިދާޅުވީ މި ސަރުކާރަށް މިހާތަނަށް އެއްވެސް ފަންޑިންއެއް ރާއްޖެއަށް ހޯދިފައިނުވާ ކަމަށާއި، އައު މަޝްރޫއެއް ފެށިފައިނުވާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަށް އިޝާރާތް ކުރައްވައި ރިޔާޒު މަންސޫރު ވިދާޅުވީ މިސިނާއަތް ކުރިއެރުވުމަށް ކުރީ ސަރުކާރުގައި ގިނަ މަސައްކަތްތައްކޮށްފައިވާ ކަމަށާއި، އިންޑިއާގެ އެހީތެރިކަމާއެކު ކެޕޭސިޓީ ވަރަށް ބޮޑު ކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މި ސިނާއަތް މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި، ނަމަވެސް މި ސަރުކާރަށް އައިސްޕްލާންޓްތަކެއް މެއިންޓެއިން ނުކުރެވޭ ކަމަށް ރިޔާޒު މަންސޫރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ބައްލަވާލައްވަން ހިނގާ. މަސްވެރިކަމުގެ ސިނާއަތުގައި އެމްޑީޕީ ސަރުކާރުގައި އަޅުގަނޑުމެން އިންޑިއާގެ ކްރެޑިޓް ބޭނުންކޮށްގެން އެނގޭތޯ ހުންނާނެ ކެޕޭސިޓީ ބޮޑު ކުރުމުގެ އައު ޕްރޮޖެކްޓްތަކެއް ފަށާފައި. އެޕްރޮޖެކްޓްތައް އެބަ ހިނގާ މިހާރު ވެސް. އެއީ ދިވެހި ސަރުކާރުގެ ބަޖެޓަކުން ހިންގާ ޕްރޮޖެކްޓެއް ނޫން. އެއީ އަޅުގަނޑުމެން ސެކިއުއަރ ކޮށްފައިހުރި ބޭރުގެ ފަންޑިންގއިން ހިނގާ ޕްރޮޖެކްޓް އެނގޭތޯ. އެހެންނަމަވެސް އެނޫން ބަޔަކަށް ބަލާއިރު، މިސާލަކަށް ހުވަދޫ އަތޮޅަށް ބަލާއިރު، އެބައާދޭ ދުވަސް އެނގޭތޯ އެންމެ އައިސްޕްލާންޓެއް ވޯކް ކުރާ ހުވަދޫ އަތޮޅުގައި. ކޮބައިތޯ މެއިންޓަނަންސް. ފުރަތަމަ އައިސްޕްލާންޓްތަކެއް މެއިންޓަނަން ނުކުރެވިގެން އުޅޭއިރު ބޮޑެތި ޕްރޮޖެކްޓްތަކުގެ ވާހަކަ ކިހިނެތްތޯ ދައްކާނީ.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު![]()
ސިއްހީ ދާއިރާއަށް އަލިއަޅުއްވާލައްވައި ރިޔާޒު މަންސޫރު ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ހޮސްޕިޓަލްތައް އެޅުމަށް އަދި ހޮސްޕިޓަލްތައް އަޅާފައިވާ ބައެއް ރަށްތަކުގައި އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުގައި ޗައިނާ ސަރުކާރުގެ ފަރާތުންނާއި، ސައުދީ ފަންޑުގެ ފަރާތުން ހޮސްޕިޓަލްތަައް އެޅުމަށް ފަންޑް ލިބި، ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން މުޅި އައު މަޝްރޫއެއް ގޮތުގައި ދައްކައި، މިބޭފުޅުން ހޯދާފައިވާ ފަންޑެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައި، އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޔާޒު މަންސޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތަކީ ކުރީ ސަރުކާރުގައި ހޮސްޕިޓަލް އެޅުމަށް ނިންމި ރަށްތައް ބަދަލުކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑުމެން ހުންނާނެ ފަންޑިން ހޯދާފައި ޗައިނާ ސަރުކާރުގެ ފަރާތުން، ސައުދީ ފަންޑުގެ ފަރާތުން އިނގޭތޯ އަތޮޅުތަކުގައި ހޮސްޕިޓަލްއަޅަން. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖެއްޔާ މަނަދޫ، ދިއްދޫ، އަލިފުށީ، ކުޑަހުވަދޫ ބައެއް ތަންތަނުގައި އަޕްގްރޭޑް އެނގޭތޯ އެއީ ހުރި ހޮސްޕިޓަލްތަކުގެ. އެހެންނަމަވެސް މިސަރުކާރުން ހަދާފައި އޮތް ގޮތަކީ މިފަންޑިން ބޭނުން ކޮށްފައި އިއުލާން ކުރަނީ ފޮނަދޫގައި ހޮސްޕިޓަލެއް އަޅާ ވާހަކަ އެނގޭތޯ. ނިލަންދޫގައި ހޮސްޕިޓަލެއް އަޅާ ވާހަކަ. މިވާނެތޯ އައު ޕްރޮޖެކްޓަށް. ހުރިހާ ފައިސާއެއް ހޯދާ، ހުރިހާ މަސައްކަތެއްގެ ތައްޔާރީ މަސައްކަތް ކޮށްފައި މިއޮތީ މާކުރީގައި. ހަމަ އެ ފައިސާ ބޭނުންކޮށްގެން މި މީހުން ހަމައެކަނި އަޅާ ހޮސްޕިޓަލް އެހެން ރަށަކަށް މިބަދަލު ކުރަނީ. ދެން މި ބޭފުޅުންގެ ޕްރޮޖެކްޓަކަށް ހަދައިގެން މިބޭފުޅުން މިދައްކަނީ. ހަގީގަތުގައި މިބޭފުޅުން އަމިއްލައަށް ފައިސާ ހޯދައިގެން ހިންގާ އެންމެ ޕްރޮޖެކްޓެއް ވެސް ނެތް އެނގޭތޯ.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު![]()
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކުގައި 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، ފަންޑު ހޯދާފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ހޮސްޕިޓަލް އެޅުމަށް އަމަލީ މަސައްކަތް ވެސް ފަށާފައިވާއިރު، ސަރުކާރު ބަދަލުވެގެންދިޔައިރު، ސިއްހީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 21 ށްވުރެ ގިނަ މަޝްރޫއުތައް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.