މަޖިލިސް އިންތިޚާބު ބާއްވަން އެންމެ ރަނގަޅީ ދައުރުގެ މެދެއްހާ ހިސާބުގައި ކަމަށާއި، ވެރި މީހާ ގުން ޖަހާފައި ވަރުގަދަކޮށް ހުންނަ އިރެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައި ވާއިރު އިންތިޚާބުތައް ބާއްވާ އިރު އެންމެ ޚަރަދު ބޮޑު ޤައުމުތަކުގައި ހުންނަ ގޮތަށް ރާއްޖޭގެ ކަންކަން ކޮންމެހެން ހުންނަން ނުޖެހޭ ކަމަށާއި، ދެވަނަ ބުރެއް ނުބާއްވާ ގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމް މާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުން ރަނގަޅު ކަމަށް ވަކާލާތުކުރައްވާ އެ މަނިކުފާނު ވަނީ ވާހަކަދައްކަވާފައެވެ.
އެހެންނަމަވެސް އަލީ ހުސައިން ވަނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބާއި ކައިރީގައި ބޭއްވުމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ނު ރަނގަޅު ފައިދާތަކެއް ވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމުން ތަރައްޤީގެ މަސައްކަތްތައް ކުރުމަށް މަޖިލިސް އިންތިޚާބު ކާމިޔާބުވުން މުހިންމު ކަމަށް ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދައްކަވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެއީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެެވެ.
ރަށަކަށް އަރާފައި މި ބުނަނީ އިހަށް ދުވަހު ނޫންހޭ ތިމަންނަ ވެރިކަމަށް މި އައީ. ފެނާއި ނަރުދަމާ ވެސް ޤާއިމް ކުރެވޭނީ މަޖިލީހަށް ތިމަންނަ ބޭނުންވާ މީހަކު ހޮވައިގެންނޭ މި ބުނަނީ. ދެން ކިހިނެތްތޯ ވާނީ؟ އެހެން ބުނީމަ އެތާ ތިބޭ ނިކަމެތި ރައްޔިތުން އާނދޯއޭ ކިޔާފައި ގޮސް ވޯޓުލަނީ. ނަމަވެސް ދައުރުގެ މެދުގައި އިންތިޚާބު ބޭއްވީމަ މިކަން ތަފާތު ވާނެ. މަޖިލިސް ރައީސަށް އެއްކޮށް ދިނުމަކީ އެއީ ހެދޭ އެންމެ ބޮޑު ގޯސް. އަދި ވެސް ނަރުދަމާ ވެސް ނުދެވި ގުއިފެން ބޮލަށް އަޅައިގެން ތިބޭ އިރު އައިސް މިކަން ވާނީ ވޯޓުދީގެންނޭ ބުނީމަ ރައްޔިތުން ދޭނެ ވޯޓު. އެއީ މި ވާގޮތަކީ.
ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން![]()
ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމުގެ ސަބަބުން 2 މިލިއަނެއްހާ ރުފިޔާ ސަލާމަތް ވާނެ ކަމަށް ފާހަގަކުރައްވާފައެވެ. ރައީސް ވަނީ ރިޔާސީ އިންތިޚާބު ބާއްވާ އިރު ދެވަނަ ބުރެއް ނުބާއްވާ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމެއްގެ ތެރެއިން ވޯޓުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެކަމާއި މެދު ވަރަށް ސީރިއަސްކޮށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ސިޔާސީ ބޭފުޅުންގެ ޚިޔާލު މިކަމުގައި ތަފާތެވެ. މިއީ ވެރިކަމުގެ ބާރާއި ނުފޫޒު އެއް ދިމާލަކަށް އެއްކުރަން ކުރާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.