މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު ރާއްޖޭގެ ދައުލަތުގެ މައިގަނޑު މަސައްކަތަކީ ވިޔަފާރިކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު 40 ވަރަކަށް ކުންފުންޏަކީ ދައުލަތުގެ ހިއްސާ އޮތް ކުންފުނިތައް ކަމަށާއި އެކަން އެހެން އޮތީ ދައުލަތުގެ އެންމެ ބޮޑު މަސައްކަތަކީ ވިޔަފާރިކުރުން ކަމަށް ސަރުކާރުން ދެކޭތީ ކަމަށް ޤަބޫލުކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ބޮޑެތި ހުރިހާ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބްރޯޑްކާސްޓިން އަކީ ވެސް އެގޮތަށް ބަލާ ނަމަ ވިޔަފާރި އެއް ކަމަށް ސިފަކުރައްވާ އަލީ ވަނީ މީޑިއާ ހިންގަމުން، ދައުލަތުން ބްރޯޑްކާސްޓިން ކޮމިޝަން ރަނގަޅަށް ނުހިންގޭނެ ކަމަށެވެ.
އެހެންވީމަ މީޑިއާ ހިންގަމުން އަނެއްކާ އޭގެ ތެރެއަށް ބްރޯޑްކޮމް ލައިގެން، ކީއްތޯ މި ކުރަނީ އިނގޭތޯ. އިންސާނީ ބުއްދިން މިކަން ވިސްނަބަ. ދެން އަނެއްކާ ރެގިއުލޭޓްކޮށްފަ، މިއީ ހިންގޭނެ ގޮތެއް ނޫން. އަބަދު ވެސް އިދިކޮޅުގަ ތިބޭ އިރު ކިޔާނެ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަންވީއޭ. ޚަރަދު ބޮޑޭ. މިކަމެއް ހިނގާ ތަނެއް ކުރެވޭތަނެއް ނުފެނޭ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސައިން![]()
ދައުލަތުގެ ޒިންމާ އަކީ ވިޔަފާރިތައް ރެގިއުލޭޓްކުރުން ކަމަށާއި ވިޔަފާރިކުރުމުގެ މަސައްކަތް ދައުލަތުން ހުއްޓާލަން ޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މާހައުލެއް ތަރައްޤީކޮށްދިނުމާއި އުފެދޭ މައްސަލަތައް ހައްލުކޮށްދިނުމަކީ ވެސް ދައުލަތުގެ ޒިންމާ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިހާރު ވިޔަފާރިތަކުން މައްސަލަ އެއް ދިމާވެގެން ދާނެ ތަނެއް ދެއްކިފައި ނެތް ކަމަށާއި އެއީ ދައުލަތެއްގެ ހައިސިއްޔަތުން ހައްލުކުރަން ޖެހޭ މައްސަލަ އެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ދެން މައްސަލަ އެއް ހިފައިގެން ދާން އޮތީ ރައްޔިތުންގެ މަޖިލީސް ކަމަށާއި އެތަން އޮތީ ބަނދެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ވަގުތު ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އަމިއްލަ ފަޔަށް ބަޑި ޖެހުން ކަމަށާއި، މެމްބަރުން މަސައްކަތް ކުރަން މިނިވަންކަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިންސާފު ލިބޭނެ ގޮތެއް މިހާރު ނެތް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.