ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ރަައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން ސުވާލު ކުރުމަށްފަހު ކަމަށް އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވިދާޅުވެއްޖެއެވެ.
20 މެއި 2025 ވީ އަންގާރަ ދުވަހު އެސްޖީ ޒީނިއާ ސަސްޕެންޑްކޮށްފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެސްޖީ ޒީނިޔާ ވިދާޅުވީ، މިމަހުގެ 20 ވީ އަންގާރަ ދުވަހު ހެނދުނު ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި އޭނާގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، ޖަވާބުދާރީވުމަށް އަންގާފައިވަނީ ކުއްލި ގޮތަކަށް ކަމަށެވެ. އެ ބައްދަލުވުމުގައި އޭނާގެ މަސްލަހަތު އޮތް ކަމަށް ބުނެ ކުޑަ ވަގުތު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގި ކަމަށެވެ.
އޭގެ ކުޑަ އިރުކޮޅެއްފަހުން ބައްދަލުވުމަށް ވައްދާ، 18 މެއި 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން ސުވާލު ކުރި ކަމަށެވެ. ނަމަވެސް ސުލޫކީ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒީނިޔާ ވިދާޅުވީ އެ ޕެޓިޝަންގައި ސޮއިކުރިތޯއާއި، މި ފަދަ ޕެޓިޝަނެއް ހުށަހެޅިގެން ދިޔައިރު އެކަން ސަމާލު ކަމަށް ނާދޭތޯ ސުވާލު ކުރި ކަމަށެވެ. އަދި ޖަވާބުގައި ޕެޓިޝަންގައި ސޮއިނުކުރާ ކަމަށާއި، އެފަދަ ކަމެއް ކުރާކަން މުވައްޒަފުން އަންގާފައިނުވާ ކަމަށް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.
ޕެޓިޝަނަށް އިޝާރާތް ކުރައްވައި ޒީނިޔާ ވިދާޅުވީ އޭގައި އެހުރީ ރަނގަޅު ވާހަކަތަކެއް ކަމަށާއި، މުވައްޒަފުން ގިނަ މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލު ބޭނުންވެގެން ޝަކުވާ ކުރަމުންދާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިދާރީ މުވައްޒަފުންގެ ގޮތުގައި 22 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ޖުމްލަ 18 މުވައްޒަފުން ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ޝަކުވާތައް ކޮމިޝަންގެ މެންބަރުންނާ ގަވާއިދުން ހިއްސާކުރަމުންދާ ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން މުވައްޒަފުން ފާހަގަކުރާ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ މުވައްޒަފުން އެކި ފަހަރުމަތިން ބްރޯޑްކޮމްގެ މެންބަރުންނާ ބައްދަލު ކުރުމަށް އެދުނު ނަމަވެސް އެފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ކޮމިޝަންގެ ޑިރެކްޓަރ ލެވަލްގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިން ބައްދަލު ކުރުމަށް އެދުނު ވެސް އިޖާބަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދާރީ ގޮތުން ކަންކަން އަސްލު އަޅުގަނޑުމެންނާ ހަވާލުކޮށްފައި މުވައްޒަފުންނާ ހަވާލުކޮށްފައި އެކަމެއް އޮންނަ އުސޫލުތަކުގެ ތެރެއިން އެކުރަން ނަގާ ވަގުތަކީ އަސްލު ކޮމިޝަނަރުން ދެކި ލައްވާ ގޮތުގައި އަޅުގަނޑުމެން ކަންކަން ޑިލޭ ކުރުން. އަޅުގަނޑުމެން އެއްބާރުލުން ނުދިނުން. އެކަމަކު ހަގީގަތަކީ އަޅުގަނޑުމެންނަކީ އިދާރީ މަސައްކަތް ކުރަން ތިބޭ މީހުންނަށްވާއިރު، އަޅުގަނޑުމެން ހަގީގަތުގައި ކަންކަން ލަސްކުރަނީއެއް ނޫން. ފިނޭންސް މިނިސްޓްރީގެ ތެރެއިން އަޅުގަނޑުމެން ފޮނުވާ ކަންތައް އެ އެއްޗެހި ޑިލޭވުމާއި ބަޖެޓުގައި ފައިސާ ނެތުމާއި، އަޅުގަނޑުމެން ތަނުގެ ފެންވަރުންނާ ސްޓާފުންގެ މަދުކަމާ މިހުރިހާ ކަމަކާ ހެދި އަންނަ ޑިލޭ ވެސް ބަލައިގަނެ، ތަނުގެ ހާލަތު ދެނެގެން މަސައްކަތް ކުރިއަށް ގެންދަން އެ މާހައުލު ނެތީ އަސްލު. އެހެންވީމަ މިހުރިހާ ޝަކުވާއެއް އަޅުގަނޑާ ހަމައަށް އާދޭ. ސީދީ ޑައިރެކްޓްލީ ކޮމިޝަނަރުން ވަޑައިގެން މުވައްޒަފުންނާ ވާހަކަ ދައްކައި، މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތްތަކުގެ ތެރެއަށް އެގޮތަށް ވަންނަވާ ހައްދަވާތީ އެބޭފުޅުންގެ ކޮންސާންއަކީ އެސްޖީ ތްރޫކޮށްގެން ނޫންހޭ އަންނަންޖެހޭނީ ތިމަންނަމެންނަށް. ދެން ޕާސަނަރލީ އަޅުގަނޑަކީ މުވައްޒަފުންނަށް ކޮމިޝަނަރުންނާ ދެމެދުގައި އަސްލު ހުންނަ ބްރިޖް. އެހެންވީމަ އަޅުގަނޑު ބަލަނީ ދެކޮޅުން ވެސް އަންނަ ޝަކުވާތަކާއި ދެކޮޅުގެ ކަންކަން ހަމައަކަށް އެޅުވޭތޯ. މިހިސާބަށް ކަންތައް އައިސްފައި މިއޮތީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ދޭ ލަފާ ކޮމިޝަނުން އަޑު އެއްސެވިފައި ނެތީމައޭ ގަބޫލުކުރެއްވިފައި ނެތީމައޭ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ![]()
މީގެ އިތުރުން ޒީނިޔާ ވިދާޅުވީ އޮފީސް އެތެރޭގެ މައްސަލަތަކުގެ ވާހަކަތައް މީޑީއާއަށް ހިއްސާކުރަން ބޭނުންނުވި ނަމަވެސް އޭނާ ސަސްޕެންޑް ކުރި މައްސަލައާއި، ހަވާލުކުރި ލިޔުމުގައި ފާހަގަކޮށްފައިވާ ނުކުތާތައް ވަކިވަކިން މީޑީއާތަކަށް ކޮމިޝަނުގެ މެންބަރުން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހަގީގަތަށް ރައްޔިތުންނަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަސްޕެންޑް ކުރުމަށްފަހު، ދީފައިވާ ލިޔުމުގައި މުވައްޒަފަކަށް އަނިޔާވެރިވެފައިވާ ކަމަށް ލިޔުމުގައި އިބާރާތްކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރަައްވައި ޒީނިއާ ވިދާޅުވީ އެ ކޮމިޝަންގެ މެންބަރުން އެ މުވައްޒަފަށް އިތުބާރު ނެތް ކަމަށް ބުނެ، މުވައްޒަފެއްގެ ޑިޕާޓްމަންޓެއް ބަދަލު ކުރުމަށް ހުށަހެޅުމުން، އެ ޕްރޮސަސް ކުރިއަށް ދިއުން ލަސްވުމުގެ ސަބަބުން ކޮށްފައިވާ ތުހުމަތެއް ކަމަށެވެ. އެއްވެސް މުވައްޒަފަކަށް އަނިޔާވެރިނުވާ ކަމަށާއި، މުވައްޒަފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލުކުރެވޭނީ ވެސް އޮންނަ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ ބިއުރޯގައި މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށް އޮފީސް ތެރޭގައި ދެފަހަރެއްގައި އިއުލާން ކުރި ކަމަށާއި، ނަމަވެސް އެމަސައްކަތް ކުރުމަށް އެއްވެސް މުވައްޒަފެއް ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ. މިކަމުން ވެސް ކޮމިޝަންގެ ހާލަތު ރަނގަޅަށް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާތަކަށް މީހުން ނެގުމާއި، ފިޔަވަޅު އެޅުން އެއީ މެންބަރުން ވިދާޅުވުމުން ވަގުތުން ވާނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ ބްރޯޑްކޮމްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާ ވަރަށް ދުވަސްވީ މުވައްޒަފުން ކަމަށެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ބޭނުންވާ ކަމަށާއި، ބައެއް މައްސަލަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ވެސް މުވައްޒަފުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.