މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ކައުންސިލުން، މި މައިޒާން ތަރައްޤީ ކުރަމުން އަންނަނީ ވިލިމާލެ ފެރީ ޓާރމިނަލް ކުރިމަތީގައެވެ.
މާލެ ސިޓީއަކީ ހިތް ފަސޭހަތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާރުވެސް ވިލިމާލޭގެ އިތުރުން، މާލޭގައި ވެސް ހިތް ފަސޭހަ މައިޒާންތަށް ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެ ގޮތުން ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުގައިޔާއި ކުރީގެ ބާއިންޖީނުގެ ކުރިމަތިން އޮންނަ "ގަލޮޅު ސިޓީ" ޕާކުގައި ހިތް ފަސޭހަ މައިޒާނެއް އަންނަނީ ތައްރައްޤީ ކުރަމުންނެވެ.
ވިލިމާލޭގައި އިތުރު ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާފައެވެ. މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމުގެ މަސައްކަތެވެ.
ވިލިމާލޭގެ ހުސް ބިމިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށެވެ.