ކ. މާލެ
|
19 މެއި 2025 | ހޯމަ 13:28
ފީއަލީ ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ބަލި މީހެއް ސްޓްރެޗަރގައި އުފުލަނީ
ފީއަލީ ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ބަލި މީހެއް ސްޓްރެޗަރގައި އުފުލަނީ
ރާއްޖެއެމްވީ
ފީއަލީގެ ތިން އެމްބިއުލާންސް ހަލާކުވުން
ފީއަލީ ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން އުފުލަމުންދަނީ ސްޓްރެޗަރގައި
އެމްބިއުލާންސްތައް ހަލާކުވި ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވަނީ ވެފައި
މި މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް
އެމްބިއުލާންސްތައް މާލެއަށް ގެނައުމަށް ނިންމާފައިވާނީ މަގޫދޫ އަދި ނިލަންދޫ އެއަރޕޯޓު އެޅުމުގެ މަސައްކަތްތައް އެމްޓީސީސީގެ ފަރާތުން ބާޖެއް ދާ ދުވަހަކުން

ފ.ފީއަލީ ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން ސްޓްރެޗަރގައި އުފުލަން ފަށައިފިއެވެ.

ބަލި މީހުން ސްޓްރެޗަރގައި އުފުލާ ވީޑިއޯތަކާއި ފޮޓޯތައް ރާއްޖެއެމްވީއަށް ލިބުމާއި ގުޅިގެން ކުރި ސުވާލުތަކަށް އެރަށުގެ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި، މުހައްމަދު ޝިފާއު ވިދާޅުވީ ސިއްހީ މަރުކަޒުގައި ތިން އެމްބިއުލާންސް އޮންނަ ކަމަށާއި، ތިން އެމްބިއުލާންސް ވެސް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ އެއްމަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްބިއުލާންސްއަށް މައްސަލަ ދިމާވުމުން އެކަން ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ އެތައް ފަހަރަކު، އަތޮޅު ހޮސްޕިޓަލަށް އަދި ހެލްތް މިނިސްޓްރީއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. މިމައްސަލަ ރިޕޯޓުކުރާތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމްޓީސީސީން ނިލަންދޫއަށް ކުރާ ދަތުރެއްގައި އެމްބިއުލާންސް މާލެއަށް ގެންނާނެ ކަމަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މި މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފީއަލީ ކައުންސިލްގެ ރައީސް މޫސާ މުހައްމަދު ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވެ، އެ ހެދުމަށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އަދިވެސް އެމްބިއުލާންސް ހެދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ބަލި މީހުން އުފުލުލަމުންދަނީ އަތްދަނޑިމަތީގައި ކަމަށާއި، އިތުރު ފަރުވާއަށް މާލެއަށް ނުވަތަ އެހެން ވެސް ރަށަކަށް ގެންދާ ބަލި މީހާ ގެންދަނީ ފޮތިގަނޑަކަށް ލައިގެން ސްޓްރެޗަރގައި ކަމަށެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ، މި މައްސަލައާ ގުޅިގެން، އާއްމު ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާ ގުޅިގެން، ތިން އެމްބިއުލާންސް މަރާމާތު ކުރުމަށް މާލެ ގެނައުމަށް މަސައްކަތް ކުރާ ކަމަށް އަންގާފައިވާ ކަމަށެވެ. އެމްބިއުލާންސްތައް މާލެއަށް ގެނައުމަށް ވެސް ނިންމާފައިވާނީ ފ.އަތޮޅުގައި ހަދަމުންދާ މަގޫދޫ އަދި ނިލަންދޫ އެއަރޕޯޓު އެޅުމުގެ މަސައްކަތްތައް އެމްޓީސީސީގެ ފަރާތުން ބާޖެއް ދާ ދުވަހަކުން ކަމަށް އޭނާ ބުނެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެރަށަށް ތިން އެމްބިއުލާންސް ގެނެސްފައިވެއެވެ. އެއީ މެދު ސައިޒްގެ ދެ އެމްބިއުލާންސްއާއި، ޕެރަމެޑިކް ބޮޑު އެމްބިއުލާންސް އެކެވެ.

ފީއަލީ ސިއްހީ މަރުކަޒުގެ ތިން އެމްބިއުލާންސް ހަލާކުވެ، ބަލި މީހުން ސްޓްރެޗަރގައި އުފުލަމުންދާއިރު، މިސަރުކާރާއެކު، ސިއްހީ ނިޒާމު ވަރަށް ބޮޑަށް ދަށަށްދާ ކަމުގެ ޝަކުވާ އާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. އާސަންދަ ލިބުމުގައި ދަތިވެ، މީގެ ކުރިން ލިބުނު ގިނަ ބޭސްތައް މިހާރު ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

- ކޮމެންޓް