ކ. މާލެ
|
19 މެއި 2025 | ހޯމަ 12:55
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ބައެއް ގެއްލުން ދަނީ ލިބެމުން
މާލެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވޭ
ރާޅުގެ އުސްމިނުގައި 7 ނުވަތަ 4 ފޫޓު ހުންނާނެ
މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް ކަމަށާއި، މާލެސިޓީއަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖެއެމްވީއަށް އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސެއިން ވަހީދު މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާ ކަމަށާއި، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މާލެސިޓީއަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އަދި ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭވެހޭނެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ. އެންމެ ދެކުނުން އައްޑޫސިޓީ، ފުވައްމުލައް ސިޓީގައި މިސަރަހައްދަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ. އެހެން ހުރިހާ ހިސާބަކަށް ވަރަށް ވިއްސާރަ.

އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސެއިން ވަހީދު

މުޅިރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ށ އަތޮޅުން ފެށިގެން މ އަތޮޅަށް ހޯމަ ދުވަހުގެ ހެނދުނު 11:30ން މެންދުރުފަހު 3:30ށް ވަނީ ރީނދޫ ސަމާލު ވެސް ނެރިފައެވެ.

ރާއްޖޭގެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން، ބައެއް ރަށްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މާލޭގައި ބައެއް މަގުތަކުގައި ހުރި ގަސްތަކުގެ ގޮފިތައް ވެއްޓިފައިވާއިރު، ވައިގަދަވާ ވަގުތު ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. އަދި ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެދިފައިވެއެވެ. އެއީ ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ބައެއް ހިތާމަވެރި ހާދިސާތައް ބްރިޖާއި، ހައިވޭގައި ދަނީ ހިނގަމުންނެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 7 ނުވަތަ 4 ފޫޓު ހުންނާނެ ކަމަށް އެއިދާރާއިން ބުނެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވަމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް