ކ. މާލެ
|
19 މެއި 2025 | ހޯމަ 12:47
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
ސްޕެނިޝް ލީގު
ވިޔަރެއާލް އަތުން ބާސެލޯނާ ބަލިވެއްޖެ
މިދިޔަ ހަފުތާގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު، ވިޔަރެއާލް މެޗަށް ފަހު ބާސެލޯނާ އަށް ވަނީ ލީގުގެ ތަށި ހަވާލު ކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެ އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 3-2 އިންނެވެ.

މެޗުގައި ވިޔަރެއާލް އިން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް، ވިޔަރެއާލް އިން އިތުރު ދެ ލަނޑު ޖަހައިގެން ވަނީ ބާސެލޯނާ ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވިޔަރެއާލް އަށް ލީޑު ނަގައިދިނީ އަޔޯޒީ ޕެރޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަމީން ޔަމާލް އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބާސެލޯނާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފާމިން ލޮޕޭޒް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިޔަރެއާލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސަންޓީ ކޮމަސޭނާ އެެވެ. އަދި އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ޓަޔޯން ބުޗާނަން ވަނީ ލަނޑު ޖަހައި ވިޔަރެއާލް މޮޅު ކޮށްދީފަ އެވެ.

ބާސެލޯނާ އިން ވަނީ މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފަ އެވެ. ލީގުގައި ކުޅެފައިވާ 37 މެޗުން އެ ޓީމަށް ލިބެނީ 85 ޕޮއިންޓެވެ. ވިޔަރެއާލް އަތުން ވީ ބައްޔަކީ މި ސީޒަންގެ ލީގުގައި ބާސެލޯނާގެ ހަ ވަނަ ބައްޔެވެ.

މިދިޔަ ހަފުތާގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު، ވިޔަރެއާލް މެޗަށް ފަހު ބާސެލޯނާ އަށް ވަނީ ލީގުގެ ތަށި ހަވާލު ކޮށްފަ އެވެ.

- ކޮމެންޓް