މިދިޔަ ރޯދަ މަސްތެރޭގައި ރާއްޖެޓީވީން ލައިވްކުރި، ''އެމްޑީޕީ ކުއްލި އެއްވުން'' ގެ މުޒާހަރާގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވުމަށް އަންގައިފިއެވެ.
12 މެއި 2025 ގައި ބްރޯޑްކޮމްއިން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖެޓީވީން 9 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 10:00 ގައި ބްރޯޑްކާސްޓްކުރި ''އެމްޑީޕީ ކުއްލި އެއްވުން'' މި ކޮންޓެންޓް ބެލިބެލުމުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވާ ކަމަށް ބެލެވޭތީ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް 22 އޭޕްރީލް 2025 ގައި ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (1) ''މުޖްތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާއްމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2) ''އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން'' އެކަމެއް ހިނގި ކަމަށް ލިބޭ މައުލޫމާތު ހާމަކުރާއިރު، މުއުތަބަރުކަމަށް ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުން ''ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) '' މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި، ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން'' އާ ހިލާފުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ބްރޯޑްކޮމްއިން އެ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓް ވެސް ސިޓީގައި ހިމަނާފައެވެ.
ބްރޯޑްކޮމްގެ ސިޓީގައި ބުނެފައި ވަނީ މަތީގައި ބަޔާންކޮށްފައިވާ ތިޔަ ފާރާތުން ބްރޯޑްކާސްޓްކުރި ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (1)، ދެވަނަ ހަމައިގެ (2) އަދި ތިން ވަނަ ހަމައިގެ (1)އާ ހިލާފުވާ ކަމަށް ބެލެވޭތީ، ހުށަހެޅިފައިމިވާ ޝަކުވާއާ ގުޅޭގޮތުން ''ޝަކުވާ ހުށަހެޅުމާއި، ޝަކުވާ ބަލައިގަތުމުގެ ނިޒާމު'' ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 20 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ބްރޯޑްކޮމްއިން ބުނީ، މި މުއްދަތުގައި ޖަވާބު ދެއްވުމަށް އުޒުވެރިވާނަމަ ސަބަބު ބަޔާންކޮށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު އިތުރު ފުރުސަތަކަށް އެދެވޭނެ ކަމަށާއި، ހަވާލާދީފައިވާ މުއްދަތުގައި އެ ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅާފައިނުވާނަމަ ނުވަތަ ސަބަބު ބަޔާންކޮށް ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކުރުމަށް އެދި ލިޔުމުން ހުށަހަޅުއްވާފައިނުވާނަމަ ތަހުގީގަށް ލިބިފައިވާ ލިޔެކިއުންތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށެވެ.
މި ސަރުކާރުގައި ބްރޯޑްކޮމްއިން ދަނީ ރާއްޖެޓީވީގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. 8 މެއި 2025 ގައި ވެސް މުޒާހަރާތައް ލައިވް ކުރުމުގައި ބްރޯޑްކޮމްގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރާއްޖެ ޓީވީ ޙާޟިރު ކޮށްފައިވެއެވެ. ރައީސްގެ ދަރިފުޅުގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަ އެއް ބްރޯޑްކާސްޓްކުރި ކަމަށް ބުނެ، ބްރޯޑްކޮމް އިން ރާއްޖެޓީވީގެ މައްސަަލަ ބަލަން ފަށާފައިވާއިރު، "ފުދިއްޖެ، ފުނޑިއްޖެ" ލަވައިގެ މައްސަލައިގައި އެކޮމިޝަނުން ދަނީ ބަލަމުންނެވެ.
ބްރޯޑްކޮމް އިން މީގެ ކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ ޓީވީއާ ގުޅުން ހުރި މައްސަލަތައް ބަަލައިފަ އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެތައް މިލިއަނުން ރާއްޖެ ޓީވީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.