ކ. މާލެ
|
18 މެއި 2025 | އާދީއްތަ 13:00
އެމްއައި ކޮލެޖްގެ "ލެޓްސް ގްރީން އިޓް" ޕްރޮގްރާމްގެ ތެރެއިން
އެމްއައި ކޮލެޖްގެ "ލެޓްސް ގްރީން އިޓް" ޕްރޮގްރާމްގެ ތެރެއިން
މައި ކޮލެޖް
އެމްއައި ކޮލެޖުން ގަސް ހަދިޔާކުރުން
އެމްއައި ކޮލެޖްގެ "ލެޓްސް ގްރީން އިޓް" ޕްރޮގްރާމްގެ ދަށުން 6000ށް ވުރެ ގިނަ ގަސް ހަދިޔާކޮށްފި
އަންނަން އޮތް ޖީލުތަކަށް ނާޒުކު ތިމާވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ
ގަސް ހެއްދުމުގައި ކެމިކަލް ބޭނުންކުރާ ގޮތް ރަނގަޅަށް ބަލައި، ދަސް ކުރަންޖެހޭ
"ލެޓްސް ގްރީން އިޓް" ޕްރޮގްރާމް ވަރަށް ކާމިޔާބު، މިއީ 2018ގައި ފެށި ޕްރޮގްރާމެއް

ދިވެހިރާއްޖޭގެ ރީތި ޖަޒީރާތައް ފެހި ކުރުމަށް އެހީތެރިކަން ފޯރުކޮށްދުމަށް އެމްއައި ކޮލެޖުން 6000ށް ވުރެ ގިނަ ގަސް ހަދިޔާ ކޮށްފިއެވެ.

ހޮނިހިރު ދުވަހު އެމްއައި ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ގިނަ ކައުންސިލްތަކާ ގަސް ހަދިޔާ ކޮށްފައިވެއެވެ. މި ގަސްތައް ހަވާލުކޮށްދެއްވީ އެ ކޮލެޖްގެ ޗެއަރމަން އަހުމަދު މޮއްތާކީ އެވެ.

މި ރަސްމިއްޔާތުގައި ޗެއަރމަން ވިދާޅުވީ އެމްއައި ކޮލެޖު މަސައްކަތް ކުރަމުންދަނީ ގައުމަށްޓަކައި ކަމަށާއި، މިގައުމުގެ ކުދިން ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަންނަން އޮތް ޖީލުތަކަށް ނާޒުކު ތިމާވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވައި ޗެއަރމަން ވިދާޅުވީ ގަސްތައް އިންދައި، ވެށި ފެހިކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޗެއަރމަން ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނީ އެމްއައި ކޮލެޖުން ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމާ ގުޅުންހުރި ކޯހެއް ހިންގައި، ދަރިވަރުންތަކެއް ގްރެޖުއޭޓް ކޮށްދީފައިވާ ކަމަށާއި، މިހާރު އެދަރިވަރުންނަކީ މިދާއިރާގައި މަސައްކަތް ކުރަމުންދާ ކާމިޔާބު މީހުން ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތައުލީމު ހާސިލްކޮށް، މިދާއިރާއަށް ހޭލުންތެރިވާން ޖެހޭ ޗެއަރމަން ވިދާޅުވިއެވެ.

އެމްއައި ކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ ދިވެހިންނަކީ ވަރަށް ގަސް ހައްދާ ބައެއް ކަމަށާއި، ގިނަ ދިވެހިން ގަސް ހެއްދުމަށް ޝައުގުވެރިވާ ކަމަށެވެ. ނަމަވެސް ގަސް ހެއްދުމަށް ބޭނުންވާ ރަނގަޅު މައުލޫމާތު އެނގޭ މީހުން ނިސްބަތުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ލަމްޔާ ވިދާޅުވީ ގަސް ހެއްދުމުގައި ކެމިކަލް ބޭނުންކުރާ ގޮތް ރަނގަޅަށް ބަލައި، ދަސް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގައި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރި ނަމަވެސް ބަލިތައް އިތުރުވާން މެދުވެރިވާ ސަބަބުތައް ދެނެގަނެވިފައިނުވާ ކަމަށާއި، މިކަމަށް ދިރާސާތައް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުސަދަކީ ރައްކާތެރިކޮށް ގަސް ހައްދެއްދުން. ރައްކާތެރި ކާނާ ފޯރުކޮށްދިނުން. ކެމިކަލް ބޭނުންކުރާ ގޮތްތައް ހުރޭ. އެ އޮންނަ ގޮތަށް އެކަން ކުރަން. ވަރަށް މުހިންމު ކަމެއް މަތީ ތައުލީމު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ދަނޑުވެރިކަމަށް.

އެމްއައި ކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީ

އެމްއައި ކޮލެޖުން "ލެޓްސް ގްރީން އިޓް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެއެވެ.

އެމްއައި ކޮލެޖުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބެވެ. ގިނަ ބައެއްގެ އެއްބާރުލުން މި ޕްރޮގްރާމަށް ލިބޭއިރު، ކައުންސިލްތަކުގެ އިތުރުން އެންޖީއޯތަކުގެ އެހީތެރިކަން ވެސް ލިބޭކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިސަރުކާރުން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ވެސް ލިބޭ އިތުރު ބާރަކަށްވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

- ކޮމެންޓް