އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމައިގައި، އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 33 މީހަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި ވަނީ 33 މީހަކު ޝަހީދު ކޮށްލާފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަ ކުދިން ކަމަށް ވެސް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފަ އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވި ގޮތުގައި އެ ހަމަލާގައި ޝަހީދުވީ 33 މީހުންގެ ތެރެއިން 22 މީހަކުން ޝަހީދު ވެފައި ވަނީ އަލް މަވާސީގައި ހުރި ޓެންޓުތަކަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާގަ އެވެ. އެއީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.
އިސްރާއީލް އިން ޣައްޒާއަށް އަމާޒުކޮށް މި ހަމަލާތައް ދީފައި ވަނީ، ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރި ފަހުންނެވެ. އަދި އެ ހަމަލާތަކުގައި ޣައްޒާ އަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
ޣައްޒާ ގައި އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެެއްލެމުން ދިޔުމުގެ އިތުރުން، އާންމުން ދިރިއުޅެމުން އަންނަ ސަރަހައްދު ތަކަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ވެސް ބައިނަލްއަޤުވާމީ އިދާރާ ތަކުން ވަނީ ގޮވާލައިފަ އެވެ.
ހަނގުރާމަ ހުއްޓާލުމަށް މިއަަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެއްބަސްވުމަށް ފަހު، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަލުން ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.
އެ ހަމަލާތައް ދިނުމުގެ ކުރިން އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅައިފަ އެވެ. އެގޮތުން ޣައްޒާ އަށް ބޭނުންވާ ސާފު ފެނާއި، ކާބޯ ތަކެތީގެ އިތުރުން، ބޭސް ފަރުވާ އަށް ބޭނުންވާ ސާމާނު އެތެރެ ކުރުމަށް ވެސް އިސްރާއީލް އިން އަންނަނީ ހުރަސް އަޅަމުންނެވެ.
މި ހަނގުރާމައިގައި ފުލް ފޯސް އާއެކު ޣައްޒާ އަށް އިސްރާއީލްގެ ސިފައިން ވަންނާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ފަހުން ހާމަކޮށްފަ އެވެ. އަދި އެ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް ވެސް އޭނާ ހާމަކޮށްފައިވެ އެވެ.