ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 12:58
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކައުންސިލްގެ މަސައްކަތްތައް
ކައުންސިލްގެ މަސައްކަތްތަކަށް އަތްނުބާނައި ސަރުކާރުން ވެސް ރައްޔިތުންނަށް ރަނގަޅު ކަމެއް ކޮށްދިނުމަށް މާލޭގެ މޭޔަރު ގޮވާލައްވައިފި
މިހާތަނަށް ސަރުކާރުން ރަސްފަންނަށް ވެލިކޮޅެއް އެޅުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައިނުވޭ
ވިލިމާލެ ވެސް އޮތީ އަޅާނުލާ ދޫކޮށްލާފައި، މަސައްކަތް ފެށީ ކައުންސިލުން
ސަރުކާރުން މަޝްރޫއެއް ނިންމުމަށްފަހު ކައުންސިލްއާ ހަވާލު ކުރާ އުސޫލު އޮތް ނަމަވެސް މިސަރުކާރުން އަމަލު ކުރަނީ އިދިކޮޅަށް

މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން އަތް ނުބާނައި، ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ކަމެއް ކޮށްދިނުމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައިފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި، ނަތީޖާއެއް ގޮތުން ސަރުކާރުގެ ބޭފުޅުންނަށް ވެސް މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ވާހަކަ ނުދައްކަވާ ނުތިބެވޭ ކަމަށެވެ.

އެތައް ޒަމާނެއްގައި އަޅާނުލައި ދޫކޮށްލާފައިވާ ކަންކަން ކައުންސިލްގެ އިސްނެގުމުގެ މަތިން ކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ ވިލިމާލެ ވެސް އޮތީ އަޅާނުލައި ދޫކޮށްލާފައި ކަމަށާއި، ވިލިމާލޭގެ މަގުތަކާއި، ރަނގަޅު ކުރަން ހުރި ކަންކަމުގެ މަސައްކަތްތައް ފެށީ މާލެސިޓީ ކައުންސިލުން ކަމަށެވެ.

ސަލްޓަން ޕާކާއި، ރަސްފަންނު ވެސް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ފެށުމުން އެ ދެތަން ތަރައްގީ ކުރުމަށް ކައުންސިލުން މަސައްކަތް ފެށުމާއެކު ސަރުކާރުން އެކަމުގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މިހާތަނަށް ސަރުކާރުން ރަސްފަންނަށް ވެލިކޮޅެއް އެޅުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ސަލްޓަން ޕާކު ވެސް ބަންދުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައިނުވާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ފަށައި، ބޮޑު ބައި ނިމިފައިވާއިރު، މިސަރުކާރުގެ ވަޒީރުގެ ބޭފުޅުން މިހާރު ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރުގެ ބޭފުޅުން އެ މަސައްކަތް ކުރި ނަމަވެސް ކައުންސިލުން މިމަސައްކަތް ކޮށް މިއަހަރުގެ ތެރޭގައި ވިލިމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމާނެ ކަމަށެވެ. މި މަސައްކަތް ވެސް ކައުންސިލުން ފަށާފައިވަނީ ކާނުތައް ފުރި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަމަށާއި، ކާނުތައް ވެސް ސާފުނުކުރާތާ ގާތްގަނޑަކަށް 20 ވަރަކަށް އަހަރުވެފައިވާ ކަަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެސް މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ނަމަވެސް އޭރުވެސް މިފަދަ މަސައްކަތްތަކަށް ސަމާލުކަން ދެއްވާފައިނުވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރަކުން މަޝްރޫއެއް ކުރިއަށް ގެންދާކަން ހާމަކުރުމުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި، އެއީ ސަރުކާރުގައި ފައިސާއާއި ރިސޯސް ވެސް ހުންނާނެ ކަމަށެވެ. ބޮޑެތި އިންސްފްރާޓަކްޗަރ މަސައްކަތްތައް ގައުމުގައި ހިނގާ ސިސްޓަމަަށް އަލިއަޅުއްވާލައްވާ މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރުތަކުން ބޮޑެތި ހަރަދުތައްކޮށް އެ މަޝްރޫއެއް ނިންމުމަށްފަހު، އެތަނެއް ހިންގުމަށް ކައުންސިލްއާ ހަވާލުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މި ސަރުކާރުގައި އަމަލު ކުރަމުންދަނީ ދިމާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލުން ބުޅާ ފެސިލީޓީއެއް އެޅުމުން އެތަން އަތުލާފައިވާ ކަމަށާއި، އެތަން ވެސް މިސަރުކާރަށް ނުހިންގޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން އަތް ނުބާނައި، މިސަރުކާރުން ވެސް އަދި ވަޒީރު ބޭފުޅުން ވެސް ރައްޔިތުންނަށް ފައިދާހުރި، ރަނގަޅު ކަމެއް ކޮށްދޭން ޖެހޭ ކަމަށާއި، ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

މާލެސިޓީ ކައުންސިލްގައި ވެސް މިބުނަނީނުންތޯ މާލޭގެ ހުރިހާ ކާނުތައް ސާފުކުރުން. މާލޭގެ އެތެއް މަގެއްސާފު ކުރަމުން މިދަނީ ހަދަމުން މިދަނީ. ފެންނާނެ ހަމަ ބޮޑެތި މަގުތައް ނަގަމުން ހަދަމުންދާ މަންޒަރު ފެންނާނެ ރައްޔިތުންނަށް. ވިލިމާލެއަކީ އެއްކޮށް ހަމަ ދޫކޮށްލާފައި އޮތްތަނެއް. މިއަދު ވިލިމާލެއަކީ ހަމަ މާ ބަގީޗާ ހެއްދިގެންދާވަރު ތަނަކަށް ބަދަލު ކުރަމުން މިދަނީ. މަގުތައް ހަދަމުން މިދަނީ. މިއަދު މާލެސިޓީ ކައުންސިލުން މަސައްކަތް ކުރާ ކަމަށް އެބޭފުޅުން ވެސް ރައްޔިތުން ވެސް ގަބޫލުކޮށްފި. އެހެންވީމަ މާލެސިޓީ ކައުންސިލްގެ ވާހަކަ އަބަދުވެސް އެބޭފުޅުންނަށް ދައްކަންޖެހެނީ. އަޅުގަނޑު ސަރުކާރަށް ބުނެލަން ބޭނުންވަނީ އެބޭފުޅުންގެ އަތުގައި ތިޔައޮތް ހުރިހާ ފައިސާއެއް ރައްޔިތުންނަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދެވޭތޯ ބަލަންވީނުންތޯއޭ. ބުޅާކޮށްޓެއްގައި އަޅައިގެނެގެން އޭގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ މާ ރަނގަޅުވާނެ ކޮންމެވެސް ރަނގަޅު ކަމެއް ރައްޔިތުންނަށް ކޮށްދިނީމަ. އެތަނަށް ބުޅާތައްލައިގެން ރައްޔިތުން ބުޅަލުގެ ނަޖިހުން ސަލާމަތް ކޮށްދިނީމައެއީވެސް ކަމެއްތާ.

މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގައި މިހާރަށް ވެސް ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތްތައް ކުރަން ފެށުމާއެކު، ރައްޔިތުން އެކަންކަން ބަލައިގަންނާނެ ކަމަށާއި، މީގެ ކުރިން ވެސް 11 ދުވަހުން ޕްރޮޖެކްޓެއް ހިންގުމުން އެކަން ރައްޔިތުން ބަލައިގަތީ އުފަލާއެކުކަން މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް