ދިވެހި ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން، ދިވެހި ތާރިޚުގައިވެސް ގޮސްފައިނުވާ މިންވަރަށް މިއަދު ގޯސްވެގެން ގޮސްފައިވާ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޕާމަސީތަކުން ބަލި މީހުންނަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލައަކީ މިއަދު މި ގައުމުގައި ވަަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް، އޭޕްރީލް 15އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެ ކަމަށް ފެބްރުއަރީ 24 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.
އަދި މީގެ އިތުރުން ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރު ކުރުމަށް އެސްޓީއޯގެ ނިޒާމު ވަރުގަދަކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަރނަންސް ހަރުދަނާ ކުރާ ކަމަށް ހެލްތް މިނިސްޓަރު ނާޒިމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެހެން ނަމަވެސް ވެސް މާލޭގެ ގިނަ ފާރމަސީތަކުންނާއި އަތޮޅުތެރޭގެ ރަށްރަށުގެ ފާރމަސީތަކުން ބޭސް ނުލިބޭ ކަމުގެ ކަންބޮޑުވުން އަދިވެސް އެބައޮތް ކަމަށް ގިނަ ބަޔަކުގެންދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތު މިއޮތީ ވަރަށް ނާޒުކުފައްތަރެއްގައި ކަމަށާއި ގައުމު މިހާރު މިދަނީ ބާރު ސްޕީޑުގައި ޚަރާބުގެ މަގައް ކަމަށެވެ.
އަބްދުﷲ ވިދާޅުވި މިއަދު މި ގައުމު އޮތް ހާލަތު ގޮސްފައި އޮތް ހިސާބުން އާދޭސް ދަންނަވައިގެން، ސަލާން ޖަހައިގެން ނޫން ގޮތަކަށް ހަމައެއްވެސް ކަމެއް ވާން ނެތްކަމަށެވެ. އެގޮތުން ވަޒީފާއެއް ހޯދަން ވިޔަސް އަދި ބޭސްފަރުވާއަކަށް ވިޔަސް މިއަދު ސަލާން ޖަހައި އާދޭސް ކުރުން ނޫންގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ގިނައިން އަޑަށް ބާރުލާފައި ދެއްކެވި އެއް ވާހަކަ އަކީ ރައްޔިތުންގެ ބޭސްފަރުވާގެ ވާހަކަ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ބޭސްފަރުވާ މިއަދު މިވަނީ މި ގައުމުގެ ތާރީޚުގައި ވެސް ދެކިފައި ނެތް މިންވަރަށް ގޯހުން ގޯހަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭސް އެތެރުނުކުރެވި، އާންމު ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ބޭހެއްވެސް ބޭސްފިހާރަތަކުން މިހާރު މި ގައުމުގައި ލިބެން ނެތްކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ބަލްކް ކޮށް ޔޫރަޕުން ބޭސް ގެންނަކަމަށް ވިދާޅުވެ، އެންމެ ފަހުން އަޑުއިވިގެން ދިއައީ ބޭސް ގެނައުމަށް އިންޑިއާގެ ބޮޑު ކުންފުންޏަކާއި އެކު ސޮއިކުރާ ވާހަކަ ކަމަށެވެ. އަދި އެއަށް ފަހު ރާއްޖެއިން ނުލިބޭ ހުރިހާ ބޭހެއްވެސް ލިބޭނެ ކަމަށާއި ދެން ދިވެހިރައްޔިތުން ބޭހަށް ނުޖެހޭނޭ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރިން ބޭސްފަރުވާއަށް ފޮނުވި އެތައް ހާސް މީހުންނެއް، ތައިލެންޑަށާއި ދުބާއީއަށް، އާސަންދައިން. އެ ޚިދުމަތް ލިބުނު އެއްވެސް މީހަކު އަޅުގަނޑަކަށް ހީއެއް ނުވޭ ހުރިހެންނެއް. ކޮނެމްވެސް މީހެއްގެ ގާތްތިމާގެ މީހަކު ނެތްކަމެއް ނޭންގެ. އާންމު ރައްޔިތުންގެ ތެރެގައި އޭގެ ޚިދުމަތެއް ލިބުނު މީހަކު ހުރިކަމެއް އެނގޭކަށް ނެތް. އަދި ހާހުން އެ އަދަު އޮތްކަމަށް ބުނާއިރުގައި އެހާސް މީހުން ހަމަކުރީ ކޮންތާކުން ކަމެއްވެސް އެނގޭނެ ގޮތެއް ނެތް. އަދި އެވިދާޅުވީ މީހުންގެ ލިސްޓެއް ވެސް އޮތްތަނެއްވެސް އެނގޭކަށް ނެތް
ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ![]()
އޭނާ ވިދާޅުވީ ކުރާ ކޮންމެ ކަމަކީ މަކަރާއި ހީލަތް ހަދައިގެން ކުރާ ކަމަށް ހެދުމަކީ އެކަމުން ނުކުންނަ ނަތީޖާ އެތަކެއް ގުނައަކަށް ގޯސްވެގެންދާނޭ ކަމެއް ކަމަށާއި ރައްޔިތުންނަށް ކަންކަން ފޮރުވައިގެން އޮޅުވާލައިގެން ދޮގުހަދައިގެން ސަރުކާރެއް ހިންގަން ދިމާކުރީމައި ނުކުންނަ ނަތީޖާ މިއަދު ފެންނަމުން ދާ ކަށެވެ.
މިއަދު ރާއްޖޭގެ ހުރިހާ ދިމާއަކުންވެސް އެންމެ ގަދައަށް އިވޭ އަޑަކީ ރައީސް ޑރ. މުހަންމަދު މުއިއްޒު ދޮގުހައްދަވާކަމަށް ބުނާ ވާކަކަމަށާއި އެއީ މިދެންނެވި ކަންކަމުގެ ނަތީޖާ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.