ކ. މާލެ
|
16 މެއި 2025 | ހުކުރު 12:12
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
9 ބިލު ފާސްކުރުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ދިއުމުން އާއްމުންގެ ފާޑުކިޔުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް މެއި 15، ގަ
ނިމިދިޔަ ދައުރުގައި ވަޒީރުންނާއި ސުވާލުކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދާތީ އެކަމަށް ވެސް އާއްމުން ވަނީ ފާޑުކިޔާފަ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި އެންމެ 9 ބިލު ފާސްކުރުމަށް ފަހު މެމްބަރުން ޗުއްޓީ އަށް ދިއުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އަވަސް އަރުވާލައިގެން ގިނަ ބިލުތަކެއް ފާސްކުރުމަށް ފަހު ފަހު މަޖިލިސް ދެ ހަފުތާގެ ޗުއްޓީއަކަށް ވަނީ ގޮސްފައެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، ޗުއްޓީއަށް ދާކަން އިއުލާނު ކުރައްވަމުން ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މި ދައުރުގައި 32 ޖަލްސާ ބާއްވައި ނުވަ ބިލެއް ފާސްކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ފަދަ މުހިންމު އިސްލާހުތައް ހިމެނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބަދުއްރަހީމް ވަނީ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ 77 ޕަސެންޓް މަސައްކަތް މި ދައުރުގައި ނިމިފައިވާ ކަމަށް ވިދާޅުވެފައެެވެ.

މަޖިލީހުގެ އިދާރާ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު މި ދައުރުގައި މަޖިލީހުން ޖުމްލަ 19 ބިލެއްގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެެރޭގައި ހިމެނެނީ މިދިޔަ ދައުރުން ލިބުނު ނުވަ ބިލެއްގެ އިތުރުން އަލަށް ހުށަހެޅި 10 ބިލެކެވެ. މިހާތަނަށް ފާސްކޮށްފައި ނުވާ 10 ބިލުގެ ތެރެއިން ނުވަ ބިލެއް ކޮމިޓީގައި އޮތްއިރު އެއް ބިލު ތަޅުމުގައި އެބަ އޮތެވެ.

މި ދައުރުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލާއި، ގޭންގުތަކުގެ ބިލާއި، ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ އިތުރުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ބިލު ފަދަ މުހިންމު ބިލުތަކުގެ މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުތަކުގެ މަސައްކަތް ކުރި އިރު އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާ ކަމަށް ބުނެ އާއްމުން ވަނީ ފާޑުކިޔާފައެވެ. މީގެ އިތުރުން ރޭގަނޑުގެ ލަސް ވަގުތުތަކުގައި ކޮމިޓީ ބާއްވައިގެން ނިންމުންތައް ނިންމާފައި ވުމާއި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބަހަށް ބެލުމެއް ނެތި ބައެއް ބިލުތައް ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފައިވާތީ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ދައުރުގައި ސަރުކާރުން ހުށަހެޅި 38 މަސައްކަތެއް ކޮށްފައިވާ އިރު އޭގެ ތެރެއިން 37 މަސައްކަތެއް މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި، ރިޔާސަތުން ހުށަހަޅާފައިވާ ނުވަ މަސައްކަތެއްގެ ތެރެއިން ހަތް މަސައްކަތެއް މަޖިލީހުން ވަނީ ނިންމާފައެވެ.

ނިމިދިޔަ ދައުރުގައި ވަޒީރުންނާއި ސުވާލުކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދާތީ އެކަމަށް ވެސް އާއްމުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން މިދިޔަ ދައުރުން ލިބުނު ސުވާލުތައް ހިމެނޭހެން މެންބަރުން ކުރި 48 ސުވާލެއް އޮތް އިރު އޭގެ ތެރެއިން ނިމިފައި ވަނީ 34 ސުވާލެވެ. އެހެންކަމުން އަދިވެސް ތަޅުމުގައި ނުނިމި 14 ސުވާލެއް އެބައޮތެވެ. ވަޒީރުންނާއި ސުވާލުކުރުން ލަސްވެ މުއާލާތް ކެނޑޭތީ މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް މެއި 15، ގަ އެވެ. އަދި ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.

- ކޮމެންޓް