ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން އައްޔަންކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ރިޟްވާން މި މަގާމަށް އައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ރިޟްވާން ވަނީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ހާސިލްކުރައްވާފައެވެ.
ރިޟްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފައެވެ.