ރައީސް ސޯލިހް ސަރުކާރުން ކުރިއަށް ގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ބުނެފިއެވެ.
އާރްއޭސީއެލް އިން ހާމަކުރި އަޕްޑޭޓެއްގައި ވާގޮތުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް 83 އިންސައްތަ މިހާރުވަނީ ނިމިފައެވެ.
ރާއްޖޭގެ އެންމެ އުތުރަށް އިގްތިސާދީ ހެޔޮ ބަދަލެއް ގެނައުމުގެ މަގްސަދުގައި ހަނިމާދޫގައި ތަރައްގީ ކުރާ މި އެއަރޕޯޓަކީ 2019 ވަނަ އަހަރު ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިން ފަންޑުކޮށްގެން ތަރައްގީ ކުރާ އެއަރޕޯޓެކެވެ. އިންޖިނިއަރިންގ އަދި ބޮޑެތި އިންފްރާސްޓްރަކްޗަރ މަސައްކަތްތަކުގައި ތަޖުރިބާ ލިބިފައިވާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް ވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އެއަރޕޯޓު އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައެވެ. އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޕްލޭން ކުރެވުނު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، އިރު، 2،400 މީޓަރުގެ ރަންވޭއަކާއި، 42،000 އަކަފޫޓުގެ އެޕްރަންއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ 10،500 އަކަފޫޓުގެ ޓާމިނަލްއަކާއި، 3،800 އަކަފޫޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް، އަދި އާމް އަދި ފިއުލް ޖެޓީ ފަދަ ޚާއްޞަ ވަސީލަތްތައް ތަރައްގީ ކުރެވޭނެއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރއިން ކުރިން ލަފާކޮށްފައިވަނީ މި އަހަރުގެ މާރިޗު މަހު އެއަރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ފާއިތުވި އަހަރުގެ ޖުލައި މަހު މަސައްކަތް ގޮސްފައިވަނީ 67 އިންސައްތައަށެވެ.
ހަނިމާދޫ އެއަރޕޯޓަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޑޮމެސްޓިކް ބޭނުންތަކަށް ތަރައްޤީކުރެވުނު އެއަރޕޯޓެކެވެ. އެއަރޕޯޓުގެ ޚިދުމަތް ފުރަތަަމަ ދޭން ފެށީ 1986 ވަނަ އަހަރުއެވެ. ނަމަވެސް 2012 ވަނަ އަހަރު މި އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެހެންނަމަވެސް، އިންޓަރނޭޝަނަލް އޮޕަރޭޝަންތައް ހިނގަމުން އައީ ހަފްތާއަކު އެއްފަހަރު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ކުރާ ދަތުރަކަށް އެކަންޏެވެ. ޒަމާނީ ފެންވަރަށް ހަނިމާދޫގައި ތަރައްގީ ކުރާ އެއަރޕޯޓަކީ އުތުރުގައި މިހާތަނަަށް ތަރައްގީ ކުރާ އެންމެ ފުރިހަމަ އެއަރޕޯޓެވެ.
އެއަރޕޯޓް ހުޅުވުމުން ދެކުނު އޭޝިއާ އިންނާއި، ދެކުނު އިރުމަތީ އޭޝިއާ ގެ އިތުރުން މެދުއިރުމަތިން ސީދާ ފްލައިޓްތައް ދަތުރު ކުރާނެ ކަމަށް ކުރީ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.