ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންއާ ސުވާލު ކުރުމުގެ މައްސަލައިގައި އިދިިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުން ދިނީ ދިހަ މިނެޓު ކަމަށް ބުނެ ރިޔާސަތުން ފުރުސަތު އަތުލުމުން، އެމްްޑީޕީގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި މެމްބަރުން ވަނީ މިނިސްޓަރު އަމީންއާ ސުވާލު ކޮށްފަ އެވެ.
މިނިސްޓަރު އަމީންއާ ސުވާލު ކުރުމުގެ ފުރުސަތުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވީ، މާލޭގެ އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާ މިނިސްޓަރު އަމީންއާ ގުޅުން އޮތް ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އިޒްދިޔާން މުޙައްމަދު ކިޔާ ފަރާތަކާއި މިނިސްޓަރު އަމީންއާ ގުޅުމެއް އޮތްތޯ މައުރޫފް ވަނީ ސުވާލުކޮށްފަ އެވެ.
މީގެ އިތުރުން އެ މައްސަލައިގައި ޒުވާނުން ކުރަމުން އަންނަ އިހުތިޖާޖުގައި މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފައިވާ ކަމަށާއި، މިނިސްޓަރު އަމީން އެ މައްސަަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށޤ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ޕޮލިސް ކޮމިޝަނަރު ވެސް އިސްތިއުފާ ދެއްވި ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
މައުރޫފް ވިދާޅުވީ އެ މައްސަލައާ މިނިސްޓަރު އަމީންއާ ގުޅޭ ކަމަށް ތުހުމަތު ކުރެވެމުން އަންނައިރު، އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް މިނިސްޓަރު އަމީން ޖަވާބު ދެއްވަން ޖެހޭ ކަމަށެވެ. މައުރޫފް ވާހަކަ ދައްކަވަމުން ގެންދެވިއިރު، ޕީއެންސީގެ މެމްބަރުން ގެންދިޔައީ މަޖިލީހުގައި އަޑު ގަދަ ކުރުމުންނެވެ.
ވަކި ހިސާބަކުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ ވަނީ އެމްޑީޕީ އަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެއްޖެ ކަމަށް ބުނެ، މައުރޫފް ފުރުސަތު އަތުލައިފަ އެވެ.
އޭގެ ފަހުން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ރިޔާސަތު ކައިރި އަށް އެއްވެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ އިތުރުން، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު އަދި މައުރޫފް ވަނީ ރިޔާސަތު ކައިރި އަށް ގޮސް ނުރުހުން ފާޅު ކޮށްފަ އެވެ.
އެއާއެކު މަޖިލީހުގެ ރިޔާސަތުން ވިދާޅުވަމުން ގެންދެވީ އެމްޑީޕީ އަށް ދިވެހި ރައްޔިތުން ދިނީ ދިހަ މިނެޓު ކަމަށާއި، އެ ޕާޓީ އަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެއްޖެ ކަމަށެވެ. މީގެ އިތުރުން ރިޔާސަތުން ވިދާޅުވީ، އެކަމުގައި ރިޔާސަތުން ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.
އަދި އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ މަޖިލީހުގެ ޖަލްސާއިން ނިކުންނަވަން ކަމަށް ވިދާޅުވެ، ރިޔާސަތުން ވަނީ އެމްޑީޕީގެ މެމްބަރުންނަށް ނަސޭހަތް ދީފަ އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެނބުރި ގޮނޑިތަކަށް ގޮސްފަ އެވެ.
ފަހުން ރިޔާސަތުން ވަނީ ޕީއެންސީގެ ވަގުތު އޮތް ކަމަށް ބުނެ، އެ ޕާޓީގެ މެމްބަރުންނަށް ފުރުސަތު ދީގެން ކުރިއަށް ގެންގޮސްފަ އެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، މަޖިލީހުގެ 12 މެމްބަރުންގެ ސޮޔާ އެކު އެވެ. އެ މައްސަލައިގައި ބުރާސްފަތި ދުވަހު ވަނީ މިނިސްޓަރު އަމީން މަޖިލީހަށް ޙާޟިރު ކޮށްފަ އެވެ.