މިދިޔަ 2024 ވަނަ އަހަރު މާލޭގައި އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޕާކިންގ ބިލްޑިންގް އަޅާނެ ފަރާތެއް އަދި ވެސް ނުހޯދޭ ކަމަށް އެމަނިކުފާނުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޕާކިންގް ބިލްޑިންގް ގެ މަސައްކަތް ހަވާލު ކުރާނީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުގެ ދަށުން ކަމަށެވެ.
މިހާރު އެކަމުގެ މަރުހަލާތައް ކުރިއަށް ދާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގަ ބިލްޑިންގް އަޅާނެ ފަރާތެއް ހޯދައި، ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕާކިންގް ބިލްޑިންގް ގެ މަސައްކަތް މިހާރު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުގެ ދަށުން މިހާރު މަރުހަލާތައް ކުރިއަށް މި ގެންދަނީ. ކުރިއަށް އޮތް 30 އަކަށް ދުވަހުގެ ތެރޭގަ ބިލްޑިންގް އަޅާނެ ފަރާތްތަކާ ހަވާލުކުރެވި އެކަމުގަ ވެސް ވަކި މުއްދަތު ތަކެއް ދީގެން އެ މަސައްކަތް ކުރެވޭނެ،
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން![]()
މި ބިލްޑިންގްތައް އެންމެ ފުރަތަމަ ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލް މެންބަރުން ހުވާކުރުމުގެ ދަރުބާރުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އޭޕްރީލް މަހާ ހިސާބުގައި މާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އޭގެ ފަހުން ޖެހިގެން އައި ފެބްރުވަރީ މަހު އިއްވި ރިޔާސީ ބަޔާނުގައި ވެސް އެ ވާހަކަ ވިދާޅުވި އެވެ. އެފަހަރު ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ޕާކިންގ އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް އެ އަހަރުގެ މޭ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
އޭގެ ފަހުން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ ހަމަ އެވާހަކަ ތަކުރާރު ކުރައްވާފަ އެވެ. މި އަހަރު ވިދާޅުވީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގގެ އެހީގައި، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެށްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވަރ ޖެނެރޭޓް ކުރާ ޕާކިންގ ބިލްޑިންގް ތަކެއް އެޅުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، މި އަހަރު ފެށުމަށް މަސައްކަތް ކުރަމުން ދާ ކަަމަށް މިއަހަރު ވެސް ރައީސް ވިދާޅުވި އެވެ.
އެކި ތާރީޚުތައް ދެމުން އެކި ވާހަކަތައް މިކަމުގައި ދެއްކެވުން ފިޔަވާ ސަރުކާރަށް މި ކަމުގައި އަދި އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ޓްރާންސްޕޯޓް މިނިސްޓަރު އަމީނުގެ ވާހަކައިން ވަނީ ހާމަ ވެފައެވެ.